ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެގޮތުގައި 420 ޑޮލަރު ނުވަތަ 6479 ރުފިޔާ ދީފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ގެސްޓުހައުސް ހިންގާ ފަރާތަކުން ސަރވިސް ޗާޖުގެގޮތުގައި މިހާ ބޮޑު އަދަދެއް ދިން ފުރަތަމަ ފަހަރެވެ.
ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ ކާނި ހޮޓެލްސްއިން ފާއިތުވީ 10 އަހަރުދުވަހުވެސް ކޮންމެ މަހެއްގައި ސަރވިސް ޗާޖު ދެމުންނެވެ.
ކާނި ހޮޓެލްސްއިންވަނީ މިދިޔަ ނޮވެމްބަރުމަހުގެ ސަރވިސް ޗާޖުގެގޮތުގައި 370 ޑޮލަރު ދީފައެވެ. ނަޝީދު ފާހަގަކުރެއްވިގޮތުގައި ކާނިގެ މުވައްޒަފުންނަށް ދެމުން އަންނަ ސަރވިސް ޗާޖުގެ އަދަދަކީ ބައެއް ރިސޯޓުތަކުން ދެމުން އަންނަ އަދަދަށްވުރެ ބޮޑު އަދަދެކެވެ.
"ބައެއް ރިސޯޓުތަކުގައި ހުރޭ، 250، 350، 330 ޑޮލަރު ސަރވިސް ޗާޖުގެ ގޮތުގައި ދީފައި، އެހެންވީމަ ލޯކަލް ޓޫރިޒަމް ހިނގާ ފަރާތަކަށް ބައެއް ރިސޯޓުތަކަށްވުރެ ގިނައިން ދެވުނީމަ ވަރަށް އުފާވޭ،" ނަޝީދު ވިދާޅުވިއެވެ.
ކާނި ހޮޓެލްސްގެ 4 ހޮޓަލެއް މާފުށީގައި އަދި 1 ހޮޓެލް މާލޭގައި އަންނަނީ ހިންގަމުންނެވެ. އެ ތަންތަނުން ޖުމްލަ 501 އެނދު ފަތުރުވެރިކަމަށް ނެރެފައިވެއެވެ. ކާނި ހޮޓެލްގައި 180އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ. ނަޝީދު ފާހަގަކުރެއްވިގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކެވެ.
"ބޭނުންވަނީ 100 އިންސައްތަ ދިވެހި މުވައްޒަފުން ގެންގުޅެން، އެކަމަކު ނުލިބޭ ދިވެހިންނެއް، އިޝްތިހާރު ޖެހިއަސް ނުލިބޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިދިޔަ ޑިސެމްބަރުމަހު ކާނި ހޮޓެލްސްގެ އޮކިއުޕެންސީ ހުރީ 93 އިންސައްތައިގައިކަމަށެވެ. ކާނި ހޮޓެލްސްއިން ދަނީ ގެސްޓުހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުކުޅަހުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާފުށީގައިވެސް އިތުރު ގެސްޓުހައުސްއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެންބަރުމަހު އެންމެ ދަށްކޮށް ސަރވިސް ޗާޖު ދިން ރިސޯޓުތަކުގެ ސަރވިސް ޗާޖުގެ ގޮތުގައި ދިން އަދަދު އުޅެނީ 260 ޑޮލަރާއި 320 ޑޮލަރާ ދެމެދު ނުވަތަ 5000 ރުފިޔާއާއި 4000 އާއި ދެމެދުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖު ނުދޭ މައްސަލައާއި، ސަރވިސް ޗާޖު ބެހުމުގައި ހަމަހަމަކަމެއް ނެތުމުގެ މައްސަލައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ހައްލުކޮށްދެއްވާފައެވެ. އެގޮތުން، ވަޒީފާއާއި ބެހޭ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން، މިހާރު ސާވިސްޗާޖުގެ ގޮތުގައި ނަގާ ޢަދަދުގެ މަދުވެގެން %10 މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމްކުރެއެވެ.