ކުޅިވަރު

ކާމިޔާބެއް ހޯދުމަށް ބޭނުންވަނީ ތަރިންތަކެއް ނޫން - ނަޒީހު


ކާމިޔާބެއް ހޯދަން ބޭނުންވަނީ ބައިވަރު ތަރިންތަކެއް ނޫންކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗް މުޙައްމަދު ނަޒީހު ބުނެފިއެވެ. ކުރިޔަށް އޮތް ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ފަރިތަކުރުންތައް ފެށުމަށްފަހު ޕީއެސްއެމްއާ ވާހަކަދައްކަމުން ނަޒީހް ބުނީ ބޭނުންވަނީ ގުޅިގެން ކުރިޔަށްދާން ބޭނުންވާ ރަނގަޅު ސްކޮޑެއްކަމަށެވެ. ކުރިޔަށް އޮތް ސީޒަނަށް ވިކްޓަރީ ނިކުންނާނީ ޓީމެއްގެ ގޮތުގައި އެއް ޢަޒުމެއްގައި ކަމަށް ނަޒީހު ބުންޏެވެ. ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނެތްނަމަވެސް ވޭތިވެދިޔަ ތަނުގައި ދިވެހި ލީގުގައި ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިން ޓީމްގައި ހިމެނޭނެ ކަމަށާއި އެކުޅުންތެރިންގެ އެހީއާއެކު ޓީމާ ގުޅޭނީ ޒުވާން ކުޅުންތެރިންކަމަށް ވިކްޓްރީއާއި ނިއުގެ ކުރީގެ މިޑްފީލްޑަރ ބުންޏެވެ. އާސީޒަނަށް ކުރިމަތިލާއިރު މެނޭޖްމަންޓުން މިވަގުތަށް ކަނޑައަޅަފައިވާ އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގައި އޮތުންކަމަށާއި، ލީގުގެ މެދުތެރެއިން އަންނަ ޓްރާންސްފަރގެ ވަގުތުގައި ޓީމަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ވިސްނުންވެސް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މެނޭޖްމަންޓްގެ އެބަހުރި ކަމަށް މީގެ ކުރިންވެސް ވިކްޓަރީއަށް އިރުޝާދު ދީފައިވާ ކޯޗް ނަޒީހް ބުންޏެވެ." ބޭނުންވަނީ ހަނދާ ތަރިތަކެއްނޫން. ރަނގަޅު ސްކޮޑެއް އެކުލަވާލާ އެއްކޮށް ކުޅެލެވޭނެ ރަނގަޅު ކުޅުންތެރިން ތަކެއް. މިހާރުވެސް ދިވެހި ލީގުގައި ފަސްއަހަރު ނުވަތަ ހަ އަހަރު ކުޅެ ތަޖުރިބާ ހޯދަފައިވާ ކުޅުންތެރިން ޓީމްގައި އެބަތިބި. އެކުޅުންތެރިންނާ ދެން ގުޅޭނީ މިހާރު ކުރިޔަށްގެންދާ ޓްރެޔަލްއިން އަންނަ ޒުވާން ކުޅުންތެރިން. މިޓްރަޔަލްއިން މަދުވެގެން 8 ކުޅުންތެރިން ޓީމަށް ނަގާނަން. " ވިކްޓަރީގެ ކޯޗް ނަޒީހު ބުންޏެވެ.އާ ސީޒަނަށް ވިކްޓަރީ ފަރިތަކުރުން ފެށީ ޒުވާން ކުޅުންތެރިން ހޯދުމަށް ޚާއްސަ ޓްރަޔަލްއަކާވެސް އެކީއެވެ. މި ޓްރަޔަލް ހަތްދުވަސް ވަންދެން ކުރިޔަށް ގެންދާނެ ކަމަށާއި ޔަޤީނުންވެސް އޭގެތެރެއިން އަށް ކުޅުންތެރިން ވިކްޓަރީގެ ސީނިއަރ ސްކޮޑަށް ނަގާނެ ކަމަށް ކޯޗް ނަޒީހް ބުންޏެވެ. މި ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ.ވިކްޓަރީ ސްޕޯޓްސް ކްލަބަށް މީގެކުރިން ކުޅުނު ބައެއް ކުޅުންތެރިން ޓީމް ދޫކޮށް ދިޔަ ނަމަވެސް ތަފާތު އެކި ޓީމްތަކަށް ކުޅެފައިވާ ތަޖުރިބާހުރި މަދު ކުޅުންތެރިންތަކެއް މިހާރުވެސް ސްކޮޑުގައި ހިމެނެއެވެ. އެގޮތުން ކުރިން ނިއުރޭޑިއަންޓްގެ ކެޕްޓަންކަންކޮށް މިދިޔަ ސީޒަންގެ މެދުތެރެއިން ވިކްޓްރީއާއި ގުޅުނު އަޙްމަދު މުޙައްމަދު ( އައްމަޑޭ ) ފާހަގަކޮށްލެވެއެވެ.ވިކްޓަރީ ސްޕޯޓްސްކަލްބުން ނިންމާފައިވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެނައުމަށެވެ. އެހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިއަކު މާރޗް މަހުގެ އެއްވަނަ ދުވަހު މާލެ އަންނާނެކަމަށް އެކްލަބުން މަޢުލޫމާތު ދެއެވެ. ވިކްޓަރީން ޤަބޫލުކުރާގޮތުގައި އެހަތަރު ކުޅުންތެރިން ޓީމާ ގުޅުމުން ޓީމް އިތުރަށް ވަރުގަދަވެ، ލީގުގައި ރަނގަޅު ފައިޓެއް ދެވޭނެއެވެ.