އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވިއްސާރަ އަލިވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް އެންމެ ބޯކޮށް ވިއްސާރަވާނީ މެދު ރާއްޖެއާއި އުތުރުގެ ސަރަހައްދުތަކަށްކަމަށެވެ. އެ އިދާރާއިން ވަނީ މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމެއްކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އޮފީހުން ލަފާކުރެއެވެ.
ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓު ދެމެދު ކަމަށް މޫސުމާއިބެހޭ އިދާރާއިން ލަފާކުރެއެވެ.
Alert White extended pic.twitter.com/2jd6zuJbd3
— Maldives Meteorology (@MetMaldives) January 24, 2023
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ ފާއިތުވި 24 ގަޑީއިރު އެންމެ ބޯކޮށް ވާރޭވެހިފައި އެންމެ ދެކުނުން ފުވައްމުލަކަށެވެ. އެގޮތުން، ފުވައްމުލަކަށް 102.0 މިލިމީޓަރަށް ވާރޭވެހިފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ނަމަވެސް އެ ސަރަަހއްދަށް މޫސުން އަލިވާން ފަށާފައިވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެއްވެސް ރަށަކުން ގެއްލުނެވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން އޮތޯރިޓީން ވިދާޅުވިއެވެ.