ޚަބަރު

މިރުހާއި ކަރާ ހައްދަން ކަނޑޫދޫއާއި ތޮއްޑޫ ދަނޑުވެރިން އަވަދިނެތި


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ދެ ރަށުގެ ތެރޭގައި އއ.ތޮއްޑުއާއި ތ. ކަނޑޫދޫ ހިމެނެއެވެ. "ކަނޑޫދޫ މިރުސް" އާއި "ތޮއްޑޫ ކަރާ" މި ނަމަކީ ދިވެހިންނަށް ވަރަށް ފަރިތަ ނަމެކެވެ. އަދި ދިވެހިންގެ މެދުގައި ޑިމާންޑް ބޮޑު އުފެއްދުންތަކެކެވެ. ވަކިން ޚާއްސަކޮށް ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކަރައާއި މިރުހުގެ ޑިމާންޑް އިތުރުވެއެވެ.

މިއަހަރުގެ ރަމަޟާންމަހުވެސް ކަނޑޫދުއާއި ތޮއްޑުއިން ބާޒާރަށް ހުސްނުވެ ކަރައާއި މިރުސް ފޯރުކޮށްދިނުމަށް ދެ ރަށުގެ ދަނޑުވެރިން ވަނީ މިހާރު މަސައްކަތް ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ނައިބު ރައީސް އިލްޔާސް މަހްމޫދު ވިދާޅުވީ މިއަހަރުވެސް ދަތިކަމެއް ނެތި މުޅި ރަމަޟާންމަހަށް ބޭނުންވާ މިންވަރަށް ރަށުގެ ދަނޑުތަކުން މިރުސް ފޯރުކޮށްދޭނެކަމަށެވެ.

އިލްޔާސް ވިދާޅުވީ، ރަމަޞާން މަހަށް ތައްޔާރުވުމުގެ ގޮތުން، ކަނޑުދޫ ދަނޑުވެރިން ދަނޑުތައް އައުކޮށް މިރުސް އިންދަން ފަށައިފިކަމަށެވެ. އެރަށުގައި 280 ދަނޑުވެރިން މިހާރު ހަރަކާތްތެރިވާކަމަށް އޭނާ ވިދާޅުވިއެވެ. މިދަނޑުވެރިން މިހާރު މިރުސް އިންދާ، ދަނޑު ގޮވާންކޮށް، ދަނޑަށް ބޭނުންވާ ގަސް ކާނާއާއި ބޭހާއި ކެމިކަލް ހޯދައި ދަނޑު ބެލެހެއްޓުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކަނޑޫދޫއަކީ މިރުސް ހައްދަން މަޝްހޫރު ދަނޑުވެރިން އުޅޭ ރަށަކަށް ވީނަމަވެސް، ރަމަޟާން މަހާއި ދިމާކޮށް، ކަނޑޫދޫގެ ބައެއް ދަނޑުވެރިން ކަރާވެސް އިންދަން ފަށާފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ރަމަޟާން މަސް ނިމެންދެން ހުސްނުވެ މިރުހާއި ކަރާ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތޮއްޑޫ ކައުންސިލްގެ މެމްބަރު އަލީ އާދަމް ވިދާޅުވީ ރަމަޟާންމަހު ރާއްޖޭގެ މާކެޓަށް ބޭނުންވާ ކަރާ ފޯރުކޮށްދިނުމަށް އެހެން އަހަރުތަކެކޭ އެއްގޮތަށް ތޮއްޑޫގެ ދަނޑުވެރިން އުޅެނީ އަވަދިނެތިކޮށްކަމަށެވެ.

އަލީ އާދަމް ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހު ހުރިހާ ދަނޑުތަކުގައިވެސް ކަރާ އިންދަން ފަށައި، ދަނޑު ގޮވާންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިކަންކަމަކީ ދަނޑުވެރިން ބޮޑު ހޭދައެއް ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޯދަމަހު މާލޭގެ ބާޒާރަށާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ވަރަށް ކަރާ ސަޕްލައި ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ އާދަމް ވިދާޅުވީ މިއަހަރު ތޮއްޑޫގައި 112 ދަނޑުވެރިން ކަރާ ހައްދަން ތައްޔާރުވަމުން ދާކަމަށެވެ. މިއިން ކޮންމެ މީހަކަށްވެސް 1000އަކަފޫޓާއި، 2500އަކަފޫޓުގެ ބިންތައް ދޫކޮށްފައިވެއެވެ. ދަނޑުވެރިން ލަފާކުރާގޮތުގައި 1000 އަކަފޫޓުގެ ދަނޑަކުން 5-7 ޓަނުގެ ކަރާ ލިބޭނެއެވެ. އަދި 2500 އަކަފޫޓުގެ ދަނޑަކުން 12 ޓަނަށްވުރެ ގިނަ ޓަނުގެ ކަރާ ކެނޑޭނެއެވެ.

ކަރާގެ އިތުރުން ފަޅޯ، ކިއުކަންބާ، ފެޝަން ފްރުޓް، މެލަން އަދި ފަތްޕިލާވެލީގެ ބާވަތްތައްވެސް ތޮއްޑޫގައި ހައްދައެވެ. މާލޭގެ ގޮޅިތަކުގައި ވިއްކާ ބައެއް ބާވަތްތަކުގެ %60 ޙިއްސާކުރަނީ ތޮއްޑޫއިން ގެންނަ ތަކެއްޗެވެ. އަދި 6 ރިސޯޓަކަށްވެސް ރަށުގެ އުފެއްދުންތައް ސަޕްލައި ކުރެއެވެ.