މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިންޑިއާގެ މުމްބާއީގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.
މުމްބާއީގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ އޯޓީއެމް ފެއަރގައި އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 64 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ އޯޓިއެމް ފެއަރ ކުރިއަށްދާނީ މިމަހުގެ 2 އިން 4 އަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ 3 ދުވަހުގެ މި އިވެންޓަކީ ފަތުރުވެރިކަމުގެ ހިދުމަތްތައް ވިއްކާ އަދި ގަންނަ ފަރާތްތަކަށް ހާއްސަކޮށް، އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި އިވެންޓަކީ އިންޑިއާ އާއި އެ ގައުމުން ބޭރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ބައްދަލުކޮށް، މިހާރު ހުރި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހުރިހާ ފަރާތަކަށް ވެސް ފައިދާ ހުރި އައު ގުޅުންތައް އުފެއްދުމުގެ ފުރުސަތު އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާ އިވެންޓެކެވެ. މި ފެއަރގައި އެމްއެމްޕީއާރުސީ އާއެކު އިންޑަސްޓްރީގެ 34 ކުންފުންޏަކުން ޖުމްލަ 64 މަންދޫބުން ބައިވެރިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނީ މި އެ ކުންފުނީގެ އަމާޒަކީ މި އިވެންޓް މެދުވެރިކޮށް އިންޑިއާ މާކެޓުގެ ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ އެންމެ ފަހުގެ އަޕްޑޭޓްތަކާއި، ރާއްޖޭގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކާއި، ތަޖުރިބާތަކުގެ މައުލޫމާތު ހިއްސާކުރުންކަމަށެވެ.
މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އަހަރުގެ މުޅި ޖުމްލަ ރާއްޖެއައި ފަތުރުވެރިންގެ %14.4 އެވެ.