މިދިޔަ ޑިސެންބަރުމަހު ގްރީން ފަންޑުން 56 މަޝްރޫޢަކަށް 129.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޑިސެންބަރުމަހު ގްރީން ފަންޑުން ޚަރަދުކޮށްފައިވާ މިންވަރަކީ ނޮވެންބަރުމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާބަލާއިރު، %152.6 އިތުރު އަދަދެކެވެ. ނޮވެންބަރުމަހު ގްރީން ފަންޑުން ޚަރަދުކޮށްފައި ވަނީ، 44 މަޝްރޫއަކަށް 51.3 މިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހު 56 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. އެގޮތުން، މިދިޔަ ޑިސެންބަރު މަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި ކުނި މެނޭޖްކުރުމުގެ މަޝްރޫއުތަކަށެވެ.
* ބ. ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް - 10.08 މިލިއަން ރުފިޔާ
* ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް - 8.8 މިލިއަން ރުފިޔާ
* މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމާއި ތިމާވެށި ބެލެހެއްޓުން - 7.5 މިލިއަން ރުފިޔާ
* ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަޔްކުރުމަށް - 6.6 މިލިއަން ރުފިޔާ
* އައްޑޫސިޓީގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ޤާއިމްކުރުމަށް - 5.6 މިލިއަން ރުފިޔާ
ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާގޮތުން، މިދިޔަ ޑިސެމްބަރުމަހު ގްރީން ފަންޑަށް ވަނީ 75 މިލިއަން ރުފިޔާ ޖަމާވެފައެވެ. މީގެތެރެއިން 26.2 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 24.5 މިލިއަން ރުފިޔާއާއި، ގެސްޓްހައުސްތަކުން ލިބިފައިވާ 1.6 މިލިއަން ރުފިޔާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 722 މިލިއަން ރުފިޔާ ހުރިކަމަށް ފިނޭންސްގެ ރިޕޯޓުގައިވެއެވެ. އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 908 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުތެރޭ 972 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހުއެވެ. އެގޮތުން އެމަހު 105 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ.