ޚަބަރު

މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް، ޕީއެސްއައިޕީ ޚަރަދު %19 އިތުުރު


އެއް މަސް ދުވަސްތެރޭ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓުން 651.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް މިއަހަރުގެ ޖެނުއަރީމަހު 651.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ހޭދަކޮށްފައިވާ 544.8 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 19.6 އިންސައްތަ އިތުރު އަދަދެކެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. މިއަހަރުގެ ޕީ.އެސް.އައި.ޕީ އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަނުދެވިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށެވެ. ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ފާހަގަކޮށްފައެވެ.

ޕީ.އެސް.އައި.ޕީއަށް މިއަހަރުގެ ޖެނުއަރީމަހު 651.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެނުއަރީމަހު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ މަގު ހެދުމާއި، ބިން ހިއްކުން އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށެވެ.

ޖަނަވަރީމަހު ޕީ.އެސް.އައި.ޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:

* ބިން ހިއްކުމުގެ މަޝްރޫޢުތަކަށް – 106.4 މިލިއަން ރުފިޔާ
* މަގު ހެދުމުގެ މަޝްރޫޢުތަކަށް – 107.9 މިލިއަން ރުފިޔާ
* ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް – 106.7 މިލިއަން ރުފިޔާ
* ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް – 53.3 މިލިއަން ރުފިޔާ
* ސްކޫލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް – 39.6 މިލިއަން ރުފިޔާ
* ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް – 37.8 މިލިއަން ރުފިޔާ

މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.5 ބިލިއަން ރުފިޔާ ޕީ.އެސް.އައި.ޕީއަށް ކަނޑައަޅާފައިވެއެވެ. މިއީ ބަޖެޓުގެ 19.7 އިންސައްތައެވެ. ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާގޮތަށް ބަލާއިރު ދަޢުލަތުގެ ޑޮމެސްޓިކް ބަޖެޓުން 3.1 ބިލިއަން ރުފިޔާ، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެއެވެ.

މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. މި ބަޔަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ ޕީ.އެސް.އައި.ޕީ ބަޖެޓުގެ 28.9 އިންސައްތައެވެ. މީގެ ތެރޭގައި ތިލަމާލޭ ބްރިޖް މަޝްރޫޢަށް 792 މިލިއަން ރުފިޔާ، އެކި ރަށްރަށުގެ އެއަރޕޯޓްތައް ތަރައްޤީކުރުމަށް 921.9 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމަށް 384 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.