ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް އުފައްދާ ރޭޑިއޯ ޑްރާމާ ސިލްސިލާއެއް މިރަމަޟާންމަހު ޕީއެސްއެމްގެ ރޭޑިއޯ ޗެނަލް ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ނިންމައިފިއެވެ. 
"ޤައުމީ ޖިހާދު"ގެ ނަމުގައި ގެނެސްދިނުމަށް ހަމަޖެހިފައިވާ މިޑްރާމާ ސިލްސިލާ ރަސްމީކޮން އިފްތިތާޙު ކުރުން މިއަދުވަނީ ބާއްވާފައެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑު ބިލްޑިންގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދުއެވެ.   
"ގައުމީ ޖިހާދު" ވާހަކައަކީ ބޮޑުތަކުރުފާނުގެ ޖިހާދާއި އެހެން އަބުޠާލުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަށިމާ އަހުމަދު ޝާކިރު ލިއުއްވާފައިވާ ވާހަކައެކެވެ.
		
										
			ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް އުފައްދާ މިރޭޑިއޯ ޑްރާމާ ސިލްސިލާގެ ސްކްރިޕްޓް ލިޔެދެއްވަނީ ކަށިމާ އަޙުމަދު ޝާކިރުއެވެ. 
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަށިމާ އަހްމަދު ޝާކިރު ވިދާޅުވީ، މިޑްރާމާ އަކީ މީގެ ކުރިންވެސް ނެރެން މަސައްކަތް ކުރެއްވި ޑްރާމާއެއް ކަމަށެވެ. ޝާކިރު ސިފަކުރެއްވި ގޮތުގައި މި ޑްރާމަ އަކީ ފިލާވަޅެކެވެ. އޭނާ ވިދާޅުވީ މިއީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅާ ކުރެއްވި ޤައުމީ ޖިހާދާ ގުޅިގެން މީހުންގެ ހިތުގައި އުފެދިފައި ހުރި ބައެއް ސުވާލުތައް ޖަވާބެއް ހޯދުމުގެ ގޮތުން ކުރެއްވި މަސައްކަތެކެވެ. 
"އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ ޤައުމީ އަޅުގަނޑުމެންގެ ބަތަލަކަށް ކުރެވެމުންދިޔަ ބަދުނާމު ބަސްތައް. ބޮޑުތަކުރުފާނާއި ބެހޭ ގޮތުން އަޅުގަނޑަށް އަޑުއިވެމުން ދިޔައީ، އަޑުއަހާލުމުގެ ނުވަތަ އަޑުއަހާލަން ބޭނުން ނުވިޔަސް ބޮޑުތަކުރުފާނު އެއީ ދިވެހިރާއްޖޭގައި އުޅުނުމީހެއް ނޫނޭ." ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވިއެވެ.  
		
										
			ޝާކިރު އިތުރަށް ވިދާޅުވީ ބޮޑުތަކުރުފާނުގެ ވާހަކައަކީ އެންމެ އެޕިސޯޑެއް ދެ އެޕިސޯޑަކުން ނިމޭނެ ވާހަކައެއް ނޫންކަމަށާއި އެ ވާހަކަ އަކީ ދިވެހިންގެ ދިރިއުޅުމާއި ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ ވާހަކައެއްކަމަށެވެ.
"އަޅުގަނޑަށް ހީއެއްނުވޭ އެންމެ އެޕިސޯޑަކުން ދެ އެޕިސޯޑަކުން މިކަން ނިމިދާނެ ކަމަކަށް. ބޮޑުތަކުރުފާނުގެ ވާހަކައަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް. އޭގެތެރެއިން މިދައްކާދެނީ ދިވެހިންނަކީ ކޮންބައެއްކަން. ދިވެހިން ކައި އުޅުނީ ކޯޗެއްކަން. ދިވެހިން ވިޔަފާރި ކޮށް އުޅުނީ ކިހިނެއްކަން. ދިވެހިން ދަތުރު ފަތުރުކޮށް އުޅުނީ ކިހިނެއްކަން" ކަށިމާ ޝާކިރު ވިދާޅުވިއެވެ.
		
										
			މި ރަސްމިއްޔާތުގައި ޝާކިރު ވަނީ ޤައުމީ ޖިހާދުގެ ސްކްރިޕްޓް ރަސްމީކޮށް ދިވެހިރާއްޖޭގެ އަޑާ ހަވާލުކޮށްދެއްވާފައެވެ. 
"ޤައުމީ ޖިހާދު" ޑްރާމާ ސިލްސިލާގެ ޕްރޮޑިއުސަރަކީ އަލީ ރާޒީއެވެ. 27 މިނެޓުގެ 15 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މިސިލްސިލާގެ ޑްރާމާތަކަށް އަޑު އަޅާނީ ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކޮށްފައިވާ އެހުންތެރީންގެ މެދުގައި މަޤްބޫލު، އަޑުގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ ޕްރޮޑިއުސަރުންނާއި އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނެވެ.  
ދިވެހިރާއްޖޭގެ އަޑުގެ އެންމެ ބޮޑު އަމާޒަކީ، މިއީ މުސްތަގުބަލުގައި ތާރީޚުގެ ތެރެއަށް ވަދެގެންދާނެ އަގުހުރި މަސައްކަތަކަށް ހެދުމެވެ.