ކުޅިވަރު

މަހިބަދޫ ފުޓްސަލް ދަނޑު މިރޭ ހުޅުވަނީ


ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ފުޓްސަލް ދަނޑު އެޅުމުގެ މަޝްޢޫގެ ދަށުން އދ. މަހިބަދޫގައި އެޅި ފުޓްސަލް ދަނޑު ނިމި މިރޭ ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެއެވެ. އދ. މަހިބަދޫ ފުޓްސަލް ދަނޑު މިރޭ ރަސްމީކޮށް ހުޅުވާ ރަސްމިއްޔާތިގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ޔޫތް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ ހުސައިން އަމީން ޕީއެސްއެމަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުޅުވާ މި ފުޓްސަލް ދަނޑަކީ ރަސްމީކޮށް މިއަހަރު ހުޅުވާ ފުރަތަމަ ފުޓްސަލް ދަނޑުކަމަށާއި، އެހެންނަމަވެސް މިއަހަރު މިހާތަނަށް އަށް ދަނޑެއްގެ މަސައްކަތް ނިމި ބޭނުންކުރަމުންދާކަމަށެވެ. ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އިތުރު ފަސް ފުޓްސަލް ދަނޑު ނިމޭނެކަމަށާއި، އިތުރު އަށްޑިހަ ދަނޑެއް އެޅުމުގެ މަސައްކަތް އެކި ރަށްރަށުގައި މިއަހަރު ކުރެވޭނެކަމަށް އަމީން ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު އެކަނި ސަތޭކަ ފުޓްސަލް ދަނޑު އެކި ރަށްރަށުގައި އެޅިގެންދިޔުންކަމަށެވެ."ސަރުކާރުގެ އަމާޒަކީ މިއަހަރު އެކަނި ސަތޭކަ ދަނޑުގެ މަސައްކަތް ނިންމުން، މަހިބަދޫ ދަނޑަކީ ރަސްމީކޮށް މިއަހަރު ހުޅުވާ ފުރަތަމަ ދަނޑު. އެހެންނަމަވެސް މިއަހަރު އަށް ދަނޑެއް މިހާރުވަނީ ނިމިފައި. އެ ދަނޑުތައް ބޭނުންކުރެވެމުން މިހާރު ދަނީ، ވަރަށް އަވަހަށް އިތުރު ފަސް ދަނޑެއް ނިމޭނެ" އަމީން ވިދާޅުވިއެވެ. ކުޅިވަރުގެ ވަސީލަތްތަކެއް ދިވެހި ޒުވާނުންނަށް ޤާއިމްކޮށްދިނުމުގެ ގޮތުން މިއަހަރު ގިނަ ފުޓްސަލް ދަނޑުތަކެއް ނިމި ބޭނުންކުރަން ފެށުމުގެ އިތުރަށް ގިނަ ފުޓްސަލް ދަނޑުތަކެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށްވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވަނީ ފާހަގަކުރައްވާފައެވެ.