މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 115478 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 89663 ފަތުރުވެރިންނާއި އަޅާ ބަލާއިރު 28.8 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 287977 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 221428 ފަތުރުވެރިންނާއި އަޅާ ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެެވެ.
ޖެނުއަރީމަހު – 172499 ފަތުރުވެރިން
ފެބްރުއަރީމަހުގެ 18އާއި ހަމައަށް – 115478 ފަތުރުވެރިން
ަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6415 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކުރީ ރަޝިއާ ފަތުރުވެރިންނެވެ.
* ރަޝިއާ – 37024 ފަތުރުވެރިން
* އިންޑިއާ – 31684 ފަތުރުވެރިން
* އިނގިރޭސިވިލާތް – 27097 ފަތުރުވެރިން
ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެޤައުމުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިންވަނީ އަންނަން ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއަކީ ރާއްޖެއަށް މިހާރު 8 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.
ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.