ދުރު ދަތުރުތައް އަލުން ފެށުމަށް މޯލްޑިވިއަން އިން 2 ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވިއަން އިން ހޯދަން އިއުލާންކޮށްފައިވަނީ އެއަރބަސް އޭ330-200 މަރުކާގެ 2 ބޯޓެވެ.
ދުރު ދަތުރުތަކުގައި ބޭނުންކުރަން މޯލްޑިވިއަން ފްލީޓްގައި އޮތް އެންމެ ބޮޑު ބޯޓު ދޫކޮށްލާ، އައު ބޯޓުތައް ހޯދަން ނިންމައިފާވަކަމަށް މީގެކުރިން މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި އޭރު އޮތް އެންމެ ބޮޑު ބޯޓަކީ އެއަރބަސް-އޭ321 ގެ ބޯޓެކެވެ. މިބޯޓުގެ ލީސް އަންނަ މަހު ހަމަވާއިރު، މިބޯޓަކީ ގިނަ ދުވަސްވުމުގެ ސަބަބުން ދުރު ދަތުރުތަކުގައި ބޭނުން ނުކުރެވޭނެ ބޯޓެއްކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، އެކުންފުނީގެ ވިސްނުން ހުރީ ދުރު ދަތުރުތަކުގައި ބޭނުންކުރެވޭ ފެންވަރުގެ ބޯޓެއް ހޯދާ ޚިދުމަތް އިތުރަށް ހަރުދަނާކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އަދި ވާދަވެރިކޮށް މި މަސައްކަތް ކުރެވޭނީވެސް އައު ބޯޓެއް ގެނެސްގެންކަމަށް މޯލްޑިވިއަނުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަނުން ގެންނަ އައު ބޯޓުތައް ކުއްޔަށް ނެގުމަށް ހަމަޖެހިފައިވަނީ 6 އަހަރުގެ މުއްދަތަކަށެވެ. އެބޯޓު ގެނައުމަށްފަހު ދަތުރުތަށް ކުރާނެ ސީދާ މަންޒިލްތަކެއް އަދި އެކުންފުނިން ހާމައެއް ނުކުރެއެވެ.
މޯލްޑިވިއަނުން ދުރު ދަތުރުތަކުގައި ބޭނުންކުރަން ހޯދާ އެއަރބަސް އޭ330-200 މަރުކާގެ ބޯޓުތަކަކީ 200 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. އަދި މިބޯޓުތަކަކީ ގާތްގަނޑަކަށް 13450 ކިލޯމީޓަރަށް ދަތުރުކުރެވޭ ބޯޓުތަކެކެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23އަށް ވުރެ ގިނަ ބޯޓެއް އެބައޮތެވެ. މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ. ދާދި ފަހުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން އެކުންފުނިން ވަނީ އޭޓީއާރު މަރުކާގެ ދެ ބޯޓުވެސް ގެނެސްފައެވެ.
ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިތުރު ބޯޓެއް މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.