ޚަބަރު

މިހާތަނަށް 3 ލައްކަ ފަތުރުވެރިން، ދުވާލަކު 5000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 301658 ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 235850 ފަތުރުވެރިންނާއި އަޅާ ބަލާއިރު 27.9 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5915 ފަތުރުވެރިން އާދެއެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުތަށް:

ޖެނުއަރީމަހު – 172499 ފަތުރުވެރިން
ފެބްރުއަރީމަހުގެ 20އާއި ހަމައަށް – 129159 ފަތުރުވެރިން

ރާއްޖެއަށް މިހާރު ގިނަ އެއަރލައިންތަކަކުން ދަތުރުތައް ބާއްވަމުންދާއިރު، ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

* ރަޝިއާ – 38539 ފަތުރުވެރިން
* އިންޑިއާ – 33001 ފަތުރުވެރިން
* އިނގިރޭސިވިލާތް – 28307 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކޯވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުންދިޔަ ޤައުމުކަމުގައިވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލާ އެޤައުމުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް 8756 ފަތުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ މިހާރު ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.