ޚަބަރު

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ތައިލޭންޑުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް


ރާއްޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ދަޢުވަތަކަށް ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި، ބްލޮގަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި ޓީމު ރާއްޖެ އައިސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި ޓީމުން 6 ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ޚިދުމަތްތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެއެވެ.

މި ދަތުރުގައި ތައިލޭންޑުގެ ފާހަގަކުރެވޭ 2 ނޫސްވެރިންނާއި، 3 ބްލޮގަރުންނާއި، 1 ޕީއާރު ރެޕްރެޒެންޓޭޓިވުން ޒިޔާރަތްކުރަނީ ރާއްޖޭގެ ޕުލްމަން މޯލްޑިވްސް މާމުއްޓާ، މާކިއުއާ މޯލްޑިވްސް ކޫއްޑޫ އަދި ރީތި ބީޗް ރިސޯޓުގައެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ، މި މަންޒިލްތަކުން ލިބެން ހުރި ތަފާތު ޚިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ތައިލޭންޑުގެ ބެލުންތެރިންނާ ހިއްސާކުރާނެކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ބްރޭންޑާ މެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެއަކީ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ. މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ 6 މިލިއަން މީހުންނަށް ފޯރާނެކަމަށް ބެލެވޭ ކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މި މީޑިއާ ދަތުރަކީ އެމްއެމްޕީއާރުސީއިން ދެކުނުއިރުމަތީ އޭޝިއާއަށް ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ޚިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމަށެވެ. ތައިލޭންޑަކީ ރާއްޖެއަށް 38 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

އެމްއެމްޕީއާރުސީއިން މި އަހަރު ދެކުނު އިރުމަތީ އޭޝިއާ އިން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑެތި ޕްލޭންތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ސިލްސިލާ ކެމްޕޭންތަކާއި ޕްރޮމޯޝަންތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސަރަހައްދުގައި ބާއްވާ މާޓާ 2023، އެޑެކްސް އޯޝަން މިޝަން 2023ފަދަ ބޮޑެތި ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާއަށް ޚާއްސަކޮށް މޯލްޑިވްސް ރޯޑްޝޯއެއް ވެސް ހޯސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.