ޚަބަރު

މޯލްޑިވިއަނުން އަލުން ޗައިނާއަށް ދަތުރުތައް ފަށަނީ


ޗައިނާއަށް އަލުން ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަމަށް ޤައުމީ އެއަރލައިން، މޯލްޑިއަނުން ބުނެފިއެވެ. މޯލްޑިވިއަން އިން ޗައިނާއަށް އަލުން ދަތުރުތައް ފަށަން ތައްޔާރުވަމުން ދަނީ ކޯވިޑަށްފަހު ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވަނިކޮށެވެ.

މޯލްޑިވިއަނުން މީގެ ކުރިންވެސް ވަނީ ޗައިނާގެ 6 މަންޒިލަކަށް ދަތުރުތައްކޮށްފައެވެ. މިދަތުރުތައްކޮށްފައި ވަނީ އޭރު އެކުންފުނީގެ ފްލީޓްގައި އޮތް އެންމެ ބޮޑު ބޯޓުކަމަށްވާ އެއަރބަސް-އޭ 321 ބޯޓުގައެވެ. ނަމަވެސް، އެބޯޓުގެ ލީސް ހަމަވުމާއި ގުޅިގެން ދޫކޮށްލައި، މިހާރު އެކުންފުނިން ވަނީ އިތުރު އޭ 330-200 މަރުކާގެ 2 ބޯޓު ހޯދަން އިއުލާންކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، މޯލްޑިވިއަންގެ ވިސްނުން ހުރީ ދުރު ދަތުރުތަކުގައި ބޭނުންކުރެވޭ ފެންވަރުގެ ބޯޓެއް ހޯދާ، ވާދަވެރިކޮށް މިޚިދުމަތް ދިނުންކަމަށެވެ. އެގޮތުން، އެކުންފުނިން މިހާރު ޗައިނާއާއި ޔޫރަޕަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ ޗައިނާގެ ބޯޑަރުތައް ހުޅުވާލާފައިވާ މިދަނޑިވަޅުގައި ޗައިނާއަށް ދަތުރުތައް އަލުން ފެށުމަކީ އެކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ފުރުޞަތެއްކަމަށެވެ. އަދި މިހާރު މިދަތުރަތަކާއި ގުޅޭގޮތުން މޯލްޑިވިއަންއިން ޗައިނާގެ އެޖެންޓުންނާއި މަޝްވަރާތައް ކުރަމުންދާކަމަށް ޖެނިފާ ފާހަގަކުރެއްވިއެވެ.

ޖެނިފާ ވިދާޅުވީ މިހާރު ހޯދަން އިއުލާންކޮށްފައިވާ ބޯޓުތައް ލިބުމާއިއެކު ޗައިނާއަށާއި، ޔޫރަޕަށް ދަތުރުތައް ފަށާނެކަމަށެވެ. އަދި އެކަމަށް މޯލްޑިވިއަންގެ މުވައްޒަފުން ތައްޔާރުވަމުން އަންނަކަމަށްވެސް ޖެނިފާ ފާހަގަކުރެއްވިއެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ކޯވިޑަށް މެނދުކަނޑާލުމަށްފަހު ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވާއިރު މިހާރުވެސް އެޤައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާއިން މިއަހަރުގެ މިހާތަނަށް 8854 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ޗައިނާ މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރާ މާކެޓްތަކުގެ ތެރެއިން 8 ވަން މާކެޓްގައި ހިމެނިފައެވެ.