ޚަބަރު

ލިމިޓެއް ނުކުރޭ، މިފްކޯއަށް ހަފްތާއެއްތެރޭ 2600އަށްވުރެ ގިނަ ޓަނުގެ މަސް ގަނެފި


މިފްކޯއަށް މަސް ގަންނަ މިންވަރު ލިމިޓުކޮށްފައި ނުވާ ކަމަށާއި، ހަފްތާއެއްތެރޭ 2649 މެޓްރިކްޓަނުގެ މަސް ގަނެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ފެބްރުއަރީމަހުގެ 19ވަނަ ދުވަހުން ފެށިގެން ފެބްރުއަރީމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ގަނެފައިވާ 2649 މެޓްރިކް ޓަނުގެ މަހަށް 44.5 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.

މިދިޔަ ހަފްތާތެރޭގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ގަނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުވަނީ 507 މެޓްރިކްޓަނުގެ މަސް ގަނެ، މަސްވެރިންނަށް 8.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އަދި މިފްކޯއަށް އެންމެ މަދުން މަސްގަނެފައިވާ ދުވަސްކަމުގައިވާ ބުދަ ދުވަހުވެސް ވަނީ 346 މެޓްރިކްޓަނުގެ މަސް ކިރުވާފައެވެ.

މިފްކޯއިން އަންނަނީ ގޮންޖެހުންތަކާއެކުވެސް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފްކޯގެ މަސް ކާރުޚާނާތައް އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކާއި، މަސް ގަންނާނެ އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.

މިފްކޯގެ މަސް ކާރުޚާނާތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމޭއިރު، ފެލިވަރުގައި ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުވެގެންދާނެއެވެ. އަދި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުކޮށް، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރުމަށްވަނީ ރާވާފައެވެ.

މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެކަން ސަރުކާރުން ހާމަކުރައްވައެވެ. އަދި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރުވުމުގެ މަސައްކަތަށް 4 ބޯޓު ގެނައުމުގެ މަސައްކަތްވެސް މިފްކޯއިން ދަނީ ކުރަމުންނެވެ.

މި ގެންނަ ބަދަލުތަކާއިއެކު މަސް ކިރުވުމުގައި މިހާރު ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން ދެކެއެވެ.