އޮސްޓްރޭލިއާގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސް، އައިއެމްއެމް އޮސްޓްރޭލިއާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.
މިފެއަރ އޮތީ ފެބްރުއަރީ މަހުގެ 23 - 24 އަށް އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިފެއަރގައި ބައިވެރިވުމަކީ އޯޝިއެނިކް މާކެޓުގެ މަޝްހޫރު ނޫސްވެރިންނާއި މީޑިއާ ޕަބްލިކޭޝަންތަކާ ބައްދަލުކޮށް، ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސް 2023 ފަދަ ކުރިއަށް އޮތް އިވެންޓްތައް ޕްރޮމޯޓްކޮށް، ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އޯޝިއެނިކް މާކެޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.
އެމްއެމްޕީއާރުސީން މިފެެއަރގެ ފުރަތަމަ ދުވަހު ޓްރެވްމީޑިއާ ކޮންފަރެންސެއްގައި ބައިވެރިވިއެވެ. މިއީ އައިއެމްއެމް އޮސްޓްރޭލިއާގެ ތެރޭގައި ބޭއްވި ޚާއްސަ ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބްރޯޑްކާސްޓް މީޑިއާ އާއި އިންކްލޫސިވް ޓޫރިޒަމް ފަދަ މައުޟޫއުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. މިއަށް ފަހު އޯޝިއެނިކް ސަރަހައްދުގެ 150 އަށް ވުރެ ގިނަ މަގުބޫލު މީޑިއާއާ އެކު ނެޓްވޯކިން ސެޝަންތައް ކުރިއަށްދިޔައެވެ.
ފެއަރގެ ދެވަނަ ދުވަހު އެމްއެމްޕީއާރުސީން ދިވެހިރާއްޖެއަށް ޚާއްސަ ސްޓޭންޑެއްގައި އޯޝިއެނިކް މާކެޓުގެ 22 ކުންފުންޏަކާ ބައްދަލުކުރިއެވެ.
މި ފެއަރގައި ބައިވެރިވި ބައެއް މީޑިއާތަކުގެ ތެރޭގައި ބީބީސީ ޓްރެވަލް، ކޮންޑެނާސްޓް ޓްރެވަލާ، ވޯގް މެގަޒިން، ނޭޝަނަލް ޖިއޮގްރަފިކް ޓްރެވަލާ ފަދަ މަޝްހޫރު މީޑިއާތައް ހިމެނެއެވެ.
އެމްއެމްޕީއާރުސީން މިދިޔަ އަހަރު ވެސް އައިއެމްއެމް އޮސްޓްރޭލިއާގައި ބައިވެރިވިއެވެ. އަދި މިދިޔަ އަހަރު މިމާކެޓަށް ގިނަ ކެމްޕޭންތަކެއް ހިންގާފައިވާއިރު އޭގެ ތެރޭގައި ޓްރެވްމީޑިއާގެ މެމްބަރޝިޕް، ސްޓޭބް މެގަޒިން ފަދަ ކެމްޕޭންތައް ހިމެނެއެވެ. މި އަހަރުގެ ކެމްޕޭން ކުރިއަށްދާއިރު، މިއަހަރުގެ ކުރީކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.
2022ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 178 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 44 ފެއަރގައި ބައިވެރިވިއެވެ. އަދި 06 ރޯޑްޝޯ ހޯސްޓުކުރުމުގެ އިތުރުން 10 ވާޗުއަލް އިވެންޓާއި 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި އެހެނިހެން 10 އިވެންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ.