ޓެކުހަށް ގެނައި ބަދަލާއި ގުޅިގެން ތަކެތީގެ އަގު އުފުލިގެން ދާތަން ނުފެންނަކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިޞްލާހާއެކު މިއަހަރުގެ ޖެނުއަރީ 1އިން ފެށިގެން މުދަލާ ޚިދުމަތުން ނަގާ ޓެކް، ޖީ.އެސް.ޓީ ރޭޓް %6އިން %8 އަށް ވަނީ ބަދަލުވެފައެވެ. މި ބަދަލާއި ގުޅިގެން ތަކެތީގެ އަގުތައް އުފުލިގެންދާނެކަމުގެ ވާހަކަތައްވެސް ދެކެވުނެވެ.
އެހެންނަމަވެސް ރާއްޖޭގައި ޢާންމުކޮށް ގޭބީސީތަކުގައި ބޭނުންކުރާ ބާވަތްތަތަކުގެ އިންފްލޭޝަން ރޭޓުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު، ނުވަތަ ތަކެތީގެ އަގުތައް އެހާބޮޑަށް އުފުލިފައެެއް ނުވެއެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ މަސް ނިމުނުއިރު އިންފްލޭޝަން ރޭޓު ހުރީ 0.96ގައެވެ. ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.49ގައެވެ.
ޖީއެސްޓީއަށް ގެނެސްފައިވާ ބަދަލާއި، ބާޒާރުގެ ތަކެތީގެ އަގުތަކާއި ގުޅޭގޮތުން، ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޗީފް ސްޓެޓިސްޓޭޝަން އައިޝަތު ޙަސަން ވިދާޅުވީ، އިންފްލޭޝަން އެހާ ބޮޑަށް އުފުލިފައި ނުވަނީ، ރާއްޖޭގައި އިންފްލޭޝަން ރޭޓު ބަލާ މިންގަނޑުގެތެރޭގައި ހިމެނޭ ގިނަ ބާވަތްތަކަކީ ޖީ.އެސް.ޓީ ނުނަގާ ބާވަތްތައް ކަމަށްވަތީ ކަމަށެވެ.
"އިންފްލޭޝަންއަކަށް ސީދާ ޖީއެސްޓީ އާއި ގުޅިގެން އެހާ ބޮޑުތަނެއް އުފުލިގެންދާތަނެއް ނުފެނޭ، ސަބަބަކީ ކާބޯތަކެތީގެތެރޭގައިވެސް ހިމެނޭ އާއްމުން އެންމެ ގިނައިން ބޭނުންކުރާ، މިސާލަކަށް ހަނޑޫ، ހަކުރު، ފުށް ފެޓްރޯލް އަދި ބައެއް ކަހަލަ ތަރުކާރީ އާއި މޭވާ އަކީ ޖީއެސްޓީ ނުނަގާ ބާވަތްތައް،" އައިޝަތު ޙަސަން ވިދާޅުވިއެވެ.
ކޮންސިއުމަރ ޕްރައިޒް އިންޑެކްސް ނުވަތަ ބާޒާރުގެ އަގުތަކުގެ މިންގަނޑަކީ ގޭބީސީއަކުން އާއްމުކޮށް ބޭނުންކުރާ މުދަލުގެ އަގުތައް ބަލައިގެން އެކުލަވާލާ މިންގަނޑެކެވެ. މިއީ އިންފްލޭޝަން ރޭޓު ބެލުމަށް ބޭނުންކުރާ މިންގަނޑެކެވެ. މިއީ ޤައުމުގެ އިޤްތިޞާދު ވަޒަންކުރުމަށް މުހިއްމު މިންގަނޑެކެވެ.
އައިޝަތު ޙަސަން ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑަށް އަގު އުފުލެމުންދަނީ ދަތުރުފަތުރުގެ ދާއިރާއިން ކަމަށެވެ. އަދި މިއީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގުތައް އުފުލެމުން ދިޔުމުން އަންނަމުންދާ ބަދަލެއް ކަމަށް އައިޝަތު ވިދާޅުވިއެވެ.
"ބާސްކެޓުގައި ހިމެނޭ ބާވަތްތަކުގެ ބުރަދަން އިތުރުވާ ވަރަކަށް އިންފްލޭޝަން އިތުރުވާނީ، ގޭބީސީތަކުން އެންމެ ބޮޑު ހޭދައެއް މިކުރަނީ، ގޭގެ ކުއްޔަށް، ކުލި އަދި ބިލްތަކަށް 4 ބައިކުޅަ އެއްބައި ހަރަދުކުރޭ، ކާބޯތަކެއްޗަށްވެސް 4 ބައިކުޅަ އެއްބައި ޚަރަދުކުރޭ، ދެން ފާހަގަކުރެވޭ، ދަތުރުފަތުރުގެ އަގުތައް އުފުލެމުންދާކަން، އާމްދަނީ އިތުރުނުވެ އަގުތައް އުފުލޭކަމުގައިވާނަމަ ފޫބައްދަން އުނދަގޫވާނެ،" އައިޝަތު ޙަސަން ވިދާޅުވިއެވެ.
އިންފްލޭޝަނަކީ ޤައުމެއްގެ އިޤްތިޞާދަށް އަންނަ ކުރިއެރުން ބަލާ މުހިންމު މިންގަނޑެކެވެ. މި އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19 ގެ ކުރިން ހުރި މިންވަރަށް ދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓްރީ ވަނީ ލަފާކުރައްވާފައެވެ.