ޚަބަރު

ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒްކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް: އަމީރު


މިއަހަރުތެރޭ ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތައް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖެ ބަގުރޫޓުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެހާލަތަށް ރާއްޖެ ނުދާ ކަމަށެވެ. އަދި މިހާރު ބަޖެޓުގައި މިއަހަރަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައް ތަންފީޒްކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން ނަގާފައިވާ ދަރަނި އަނބުރާ ދައްކަމުންދަނީވެސް ހަރުދަނާގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން މާކެޓު ޤަބޫލުކުރާގޮތަށް ރީ- ސްޓްރަކްޗަރ ކުރަމުންދާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" މިހާރު ރާއްޖެއަށް އެންމެ ރަނގަޅު، އަޅުގަނޑުމެންގެ އިޤްތިސާދަށްވެސް އެންމެ ރަނގަޅު ވާނެ ގޮތަށް، ކުރިން ނަގާފަހުރި ދަރަނި، މިހާރުވެސް މިދަނީ މާކެޓު ޤަބޫލުކުރާނެ ގޮތަށް ރީ-ސްޓްރަކްޗަރ ކުރަމުން، އިތުރަކަށް އެހެންގޮތަކަށް ރީ-ސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ނެތް،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިތުރުކަމަށް ބުނެ، ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑާއި ގުޅިގެން ދަރަންޏަށް ފައިސާ ނަގަން ޖެހުނު ކަމަށެވެ. އެހެންނަމަވެސް ޤައުމުގެ އިޤްތިސާދު ސަލާމަތްކުރަން އެއީ އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ބަޖެޓުގެ ތެރެއިން ދަރަންޏަށް ފައިސާ ނަގާފައިވާނެ، ކޯވިޑާއި އެކު ދައުލަތަށް ލިބޭ އާމްދަނީ ދަށްވި، ދަރަންޏަށް ފައިސާ ނަގާފައިވާނެ، އޭގެ ނަތީޖާ ފެންނަމުން މިދަނީ، ޕްރޮޖެކްޓްސްތައް ހިނގަމުން އެބަދޭ، ޤައުމުގެ އިޤްތިސާދު ރައްކާތެރިކޮށް ސަލާމަތްކުރެވިފައިމިވަނީ، މި 4 އަހަރުތެރޭ ލޯނުގެ ގޮތުގައިވެސް ހިލޭ އެހީގެގޮތުގައިވެސް ނަގައިގެން މަސައްކަތްތަކެއް ކުރީމައި،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިއަހަރުތެރޭ ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒްކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެފައިވާއިރު، މި އަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19 ގެ ކުރިން ހުރި މިންވަރަށް ދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓްރީ ވަނީ ލަފާކުރައްވާފައެވެ.