ވިޔަފާރި

ފެބްރުއަރީ 2023: ފާއިތުވި 5 އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ އައު ރިކޯޑެއް


ނިމުނު ފެބްރުއަރީ މަހު ރާއްޖެއަށް ރިކޯޑް މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް ފެބްރުއަރީ މަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އަހަރެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 177000 (އެއްލައްކަ ހަތްދިހަ ހަތް ހާސް) އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު %3.1 އިތުރު ޢަދަދެކެވެ.

ފާއިތުވި 5 އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ފަތުރުވެރިން އައި ޢަދަދު:

• 2019: 168،583 ފަތުރުވެރިން
• 2020: 149،785 ފަތުރުވެރިން
• 2021: 96،882 ފަތުރުވެރިން
• 2022: 149،008 ފަތުރުވެރިން
• 2023: 177،915 ފަތުރުވެރިން

މި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 5 އަހަރުގެ ތެރޭގައިވެސް މިއަހަރަކީ ފެބްރުއަރީ މަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެއީ ކޯވިޑްގެ ކުރިއާއި އަޅާބަލާއިރުވެސް ބޮޑު އިތުރުވުމެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 6354 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ދުވަހު 8029 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ މަދުން ފަތުރުވެރިން އައި ދުވަހު ރާއްޖެއަށް 5318 ފަތުރުވެރިން ވަނީ އައިސްފައެވެ.

ފާއިތުވި އަހަރަށްވުރެ ގިނައިން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާއިރު، މިއީ އެމް.އެމް.ޕީ.އާރު.ސީއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތެވެ. ކޯވިޑް19 ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ރާއްޖެއިން ވަނީ ވިދިވިދިގެން 3 އަހަރު ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑްވެސް ކޯވިޑްގެ ތެރޭގައި ހޯދާފައެވެ.