ރިނިއުބަލް އެނަރޖީ ނުވަތަ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ މުސްތަޤުބަލު އޮތް ދާއިރާއެއްކަމަށާއި، ބޭނުންވަނީ މި ދާއިރާއިން ރަނގަޅު މާކެޓެއް އުފެއްދުންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 
ޕްލޭނިންގ މިނިސްޓަރ މިހެން ވިދާޅުވީ، އެމެރިކާގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރސް، އައި.އީ.އީ.އީއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ "ގްލޯބަލް ކޮންފަރެންސް އޮން ރިނިއުބަލް އެނަރޖީ އެންޑް ހައިޑްރޮޖަން ޓެކްނޮލޮޖީސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 
އެމް.އެން.ޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅުގައި ވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ކުރިއެރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މި ދާއިރާއާގުޅޭ ޓެކްނޮލޮޖީތައް ބޭނުންކުރާތާ އެތައް އަހަރެއްވީއިރުވެސް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކުގެ މެދުގައި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާ މިންވަރާއި ލިބެންހުރި މިންވަރުގެ ފަރަގު ބޮޑުކަމަށެވެ. 
		
										
										
			މިނިސްޓަރ އަސްލަމް ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ފުޅާކުރެވޭނެ ދާއިރާއެއްކަމަށާއި، މި ދާއިރާގައި މުސްތަޤުބަލު އެބައޮތްކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތައާއި ގުޅޭ އުފެއްދުންތަކާއި ޓެކްނޮލޮޖީތަކަށް އާއްމުން މިހާރަށްވުރެ އަހުލުވެރިކޮށް، މި ދާއިރާއިން ރަނގަޅު މާކެޓެއް އުފައްދަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
އައި.އީ.އީ.އީއިން އެމް.އެންޔޫއާ ގުޅިގެން ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާއެވެ. ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފައުންޑަރ އަދި ޗެއަރމަން ޑރ. އިބްރާހީމް ނާޝިދެވެ. 
މި ކޮންފަރެންސްގެ ތެރެއިން ދުނިޔޭގެ 38 ޤައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ހައިޑްރޮޖަން ޓެކްނޮލޮޖީގެ ދާއިރާއާގުޅުންހުރި 200 އަށްވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހެޅިގެންދާނެއެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން މި ދާއިރާއާގުޅުންހުރި މުހިއްމު މަޢުލޫމާތު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.