ކުޅިވަރު

ބޮޑެތި ބަދަލުތަކާއެކު ފީފާގެ އަސާސީ ޤަވާއިދު އިސްލާޙުކޮށްފި


ބޮޑެތި ބަދަލުތަކާއެކު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ހިންގާ ޤަވާޢިދު އިޞްލާޙުކޮށްފިއެވެ.

މިއަދު ޒިޔުރިކްގައި ބޭއްވި ފީފާގެ ކޮންގްރެސްގައި އެ އިދާރާގެ ހިންގާ ޤަވާއިދަށް ގެނައި އެންމެ ބޮޑު އެއް އިޞްލާޙަކީ ފީފާގެ ރައީސްކަމުގެ މަޤާމާއި އެހެނިހެން އިސްމަޤާމްތަކުގައި އެކަކަށް ހުރެވޭނެ ދައުރުގެ ޢަދަދު ކަނޑައެޅުމެވެ. މީގެ ކުރިން ފިފާގެ ރައީސްކަމުގެ މަޤާމުގައި ހުންނަ ފަރާތެއް ހަތަރު އަހަރުގެ ދައުރު ހަމަވުމުން އިންތިޚާބުގައި ވާދަކުރާނެ ދައުރުގެ ޢަދަދު ކަނޑައެޅިފައެއް ނޯވެއެވެ. އެހެންނަމަވެސް ފީފާގެ ޤަވާޢިދަށް މިއަދު ގެންނެވި ބަދަލުގައި ކަނޑައަޅާފައިވަނީ އެކަކަށް ގިނަވެގެން ފީފާގެ ރައީސްކަން ކުރެވޭނީ ހަތަރު އަހަރުގެ ތިން ދައުރުވަންދެން ކަމަށެވެ. އެންމެފަހުން ފީފާގެ ރައީސްކަން ކުރެއްވި ސެޕް ބްލެޓަރ ވަނީ 17 އަހަރު ފީފާގެ ރައީސްކަން ކުރައްވާފައެވެ.

 ފީފާގެ އަސާސީ ޤަވާޢިދަށް މިއަދު ގެނައި އިޞްލާޙުގެ ތެރެއިން ދެން އެންމެ ފާހަގަކުރެވޭ އަނެއް ބަޔަކީ ފީފާގެ އިސް މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ހާމަކުރައްވަން ޖެހޭނެކަމަށް އަސާސީ ޤަވާޢިދުން ކަނޑައެޅުމެވެ. މީގެ އިތުރުން ފީފާގެ ހިންގުމާ ވިޔަފާރިއާގުޅޭ ބައިތައް ވަކިކުރުންވެސް ހިމެނެއެވެ. މިބަދަލުތައް ގެނަސްފައި މިވަނީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ފީފާގެ ތެރެއިން ފެންމަތިވެ ފީފާގެ އިސް މަޤާމްތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުންނަށް ދާދި ފަހުން ފިޔަވަޅުއެޅުމާ ގުޅިގެންނެވެ.

އަންހެނުން ބާރުވެރިކުރުވައި ފީފާގެ ހިންގުމުގައި ހަމަހަމަކަން ޤާއިމް ކުރުމަށް ހުށަހެޅި އިސްލާހުވެސް ވަނީ ފާސްވެފައެވެ. މިބަދަލާއެކު ފީފާގެ އެކްޒެކްޓިވް ކޮމިޓީން މަދުވެގެން ހަ ގޮނޑި ފުރުއްވަނީ އަންހެން ބޭފުޅެކެވެ. އަދި ކޮންމެ ފެޑެރޭޝަނެއްގެ ކައުންސިލް މެމްބަރުގެ ތެރެއިން މަދުވެގެން އެއް ޖާގަ ފުރުއްވާނީވެސް އަންހެން ބޭފުޅެކެވެ. މި އިޞްލާޙުތަކަށް ތާއީދުކޮށް ފީފާގެ މެމްބަރު 207 ޤައުމުގެ ތެރެއިން މެމްބަރު 179 ޤައުމުގެ ވޯޓް ލިބިފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ލާފައިވަނީ 22 ޤައުމަކުންނެވެ. މިއަދުގެ ވޯޓްގައި ބައިވެރިނުވާނީ ސަސްޕެންޑްކޮށްފައިވާ ކުވެއިތާ އިންޑޮނީޝިއާއިން އެކަންޏެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވެ ވޯޓްދީފައިވެއެވެ.

ފީފާގެ އަސާސީ ޤަވާއިދަށް މި ގެނައި ތާރީޚީ ބޮޑެތި އިޞްލާޙު ގެނައުމުގެ އިތުރުން މިއަދަކީ ފީފާއަށް 17 އަހަރަށް ފަހު އާ ރައީސަކު އިންތިޚާބު ކުރެވޭ ތާރީޚީ ދުވަހެވެ.