ރާއްޖޭގެ ފަތުރުވެރިކަން ފެށި މިއަދާއި ހަމައަށް އައިއިރު މުޅި ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ މަޝްހޫރުވެފައެވެ. މުޅި ދުނިޔޭން ރާއްޖެއަށް އެތައް ފަތުރުވެރިންނެއް ޗުއްޓީ ހޭދަކުރަން އާދެއެވެ. ގިނަ ޤައުމުތަކަކުން ފަތުރުވެރިކަމުގެ މިސާލު ނަގާ ޤައުމަކަށް މިއަދު ރާއްޖެ ވެއްޖެއެވެ. ބައެއް މީހުން މިކަމަށް ހަސަދަވެރިވުމަކީވެސް ވެދާނެގޮތެކެވެ.
ނިމިގެންދިޔަ ބަރލިން ފެއަރގެ ތެރެއިން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނެފައިވަނީ ރާއްޖޭގައި ހަމައެކަނި އޮންނަނީ މޫދު ކަމަށެވެ. އެހެންކަމުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހަކު 5 ވަރަކަށް ދުވަހަށްފަހު ފޫހިވާނެކަމަށެވެ. އަދި ރާއްޖެއާއި ހިލާފަށް ލަންކާ އަކީ ފަތުރުވެރިންނަށް މާގިނަ ތަޖުރިބާ ކުރެވޭނެ ގައުމެއް ކަމަށް ބުނެ އޭނާ ވަނީ ރާއްޖެއަށް ފާޑުކިޔާފައެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މިކަމަށް ރައްދު ދީފައެވެ. މިނިސްޓަރ މައުސޫމް ވިދާޅުވެފައިވަނީ ރާއްޖެއަކީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ މަޤާމު ޖެހިޖެހިގެން 3 އަހަރު ހޯދާފައިވާ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ފަތުރުވެރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
Winner of the World's Leading Destination @WTravelAwards in 2020, 2021 & 2022 #Maldives is the Global #Tourism #Benchmark.
— Abdulla Mausoom (@Mausoom_Maus) March 12, 2023
Thanks to developers & service providers for making Maldives simply the best and #addictive!!
If jealous & in doubt please ask the #Mirror again & again.
ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ މި ވާހަކަތަަކަށް ގިނަ އަދަދެއްގެ ދިވެހިންނާއި އަދި ސްރީލަންކާގެ ރައްޔިތުންވެސް ވަނީ ފާޑުކިޔާފައެވެ. ބައެއް މީހުން ބުނެފައިވަނީ ތިޔަބުނާ ފޫހި މަންޒިލްގައި 5 ދުވަސް ހޭދަކުރުމަށް ފަތުރުވެރިން 1000 ޑޮލަރަށްވުރެ ގިނަ އަދަދެއް ރެއަކަށް ހޭދަކުރާކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދަށް ބަލާލިނަމަވެސް ފެނިގެންދަނީ އިތުރުވަމުންދާ އަދަދެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި މިހާރު 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު ވަނީ ވަރަށް ބޮޑަށްވެސް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު 9 އަކަށްވެސް އަރައިގެންދިޔައެވެ.
ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމަށެވެ. އެގޮތުން މި މަންޒަރުތައް ބަލާބަލާ ފަތުރުވެރިން ފޫހިނުވާކަމުގެ އަނެއް ހެއްކަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.
ބައެއް ފަތުރުވެރިން އެމީހުންގެ މުޅި ދިރިއުޅުމުގައި ޗުއްޓީ ހޭދަކުރަން އަންނަ މަންޒިލަކަށް ރާއްޖެ ވެފައިވެސް އެބަހުއްޓެވެ. 15 ނުވަތަ 20 ފަހަރު ރާއްޖެ އައިސްފައިވެސް އެބަހުއްޓެވެ. ހަމަގައިމުވެސް މިއީ ފޫހި މަންޒިލެއްނަމަ ރިޕީޑެޓް ޓޫރިސްޓުން މިހާ ގިނައެއް ނުވާނެއެވެ.