ވިޔަފާރި

އެސްއެމްއީތަކަށް އެހީވުމަށް އޭޑީބީން ރާއްޖެއަށް 41 މިލިއަން ޑޮލަރުގެ މާލީ އެހީ


ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ކުދި ފަންތިއާއި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީއިން ދީފިއެވެ.

މި އެހީއަކީ އޭ.ޑީ.ބީގެ ފަރާތުން 13 މިލިއަން ޑޮލަރާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ދަށުން 13 މިލިއަން ޑޮލަރާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް އޮސްޓްރިއާގެ ދަށުން ދޭ 5 މިލިއަން ޑޮލަރުގެ ލޯނެވެ.

މި ލޯނު އެހީގެ ދަށުން %60 ލޯނު ދޫކުރާނީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އަދި %5 ދޫކުރާނީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށެވެ.

އޭ.ޑީ.ބީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަކީ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ސިނާއަތްކަމަށެވެ. ރާއްޖޭގެ ޖީ.ޑީ.ޕީގެ %75 އަށްވުރެ ބޮޑުބައެއް ފަތުރުވެރިކަން ހިއްސާކުރާކަމަށާއި، ކޯވިޑް-19އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނުކަން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ލޯނުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް އެހީއަކަށް ވެގެންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތައް މި ލޯނުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.

މި ލޯނު ވިޔަފާރިތަކަށް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ލޯނުގެ ސަބަބުން ލޯނު ލިބުން ދަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެކަމަށް އޭޑީބީން ވަނީ ބުނެފައެވެ.