ކުޅިވަރު

ކުޅިވަރަށް ޚާއްސަ ޗެނެލް ވަރަށް އަވަހަށް ފެށޭނެ - ޕީއެސްއެމް


ޒުވާންނުންނާ ކުޅިވަރާ މުނިފޫހި ފިލުވުމަށް އުފައްދާ ޗެނެލްގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރައްވައިފިއެވެ. މިއަދު ޓީވީއެމްގައި ބޭއްވި ހަފްލާއެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު ޒުހޫރުއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ ޤާނޫނަކުން މުނިފޫހިފިވުމާ ކުޅިވަރު ކުރިއެރުއްވުމަށް ޗެނަލެއް އުފައްދަވަން ލާޒިމް ކުރައްވާފައިވާ މިދަނޑިވަޅުގައި ޕަބްލިކް ސަރވިސް މީޑިއާއިން އުފައްދަވާ މިޗެނެލުން ރާއްޖޭގެ ޒުވާނުންނަށް ގިނަ ގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ. މިފަދަ ޗެނަލެއްގެ ސަބަބުން ރާއްޖޭގެ ފުނިފޫހިފިލުވުމާ ކުޅިވަރު ކުރިއަރައި ރާއްޖެއަށް މިދާއިރާތަކުން ކާމިޔާބު ހޯދަން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިޗެނެލްގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ޒުވާނުންނަށް. މިއީ ކުޅިވަރުތަށް ކުޅުއްވާ އަދި މިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ލިބުނު ރަނގަޅު ފުރުސަތެއް. ޕަބްލިކް ސަރވިސް މީޑިއާއިން މި ޗެނެލް މެދުވެރިކޮށް ރާއްޖޭގެ ޒުވާނުންނަށް ތަފާތުތަކެއް ދައްކުވައިދެއްވާނެ ކަމަށް ޔަޤީންކުރަން" މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ވަރަށް ކައިރި މުސްތަޤްބަލެއްގައި ޒުވާނުންނަށް އަމާޒުކޮށްގެން އުފައްދަވާ މިޗެނެލް ވުޖޫދަށް ގެންނަވާނެ ކަމަށެވެ. އަދި މިޗެނެލް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު ހަރަކާތްތައް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

" ވަރަށް ކައިރި މުސްތަޤްބަލެއްގައި މި ޗެނެލް ވުޖޫދަށް އަންނާނެ. ފުރަތަމަވެސް މިޗެނެލް ފެށުމާއެކު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށް މިޗެނެލްގެ ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެން. އަދުގެ ސަރުކާރުން ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތްތަކަށް މިޗެނެލް މެދުވެރިކޮށް ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ" މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާންނުންނާ ކުޅިވަރާ މުނިފޫހިފިލުވުމަށް އުފައްދާ ޗެނެލް ޕަބްލިކް ސަރވިސް މީޑިއާއިން ފެއްޓެވުމަށް މިހާރުވެސް މަސައްކަތްތައް ފެށި ކުރިއަށްދާ ކަމަށާއި، މިޗެނެލް މެދުވެރިކޮށް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ހަރަކާތްތައް އެއް ޗެނެލަކުން ގެނެސް ކުޅިވަރާ މުނިފޫހިފިލުވުލުމަށް ތަފާތު ޕްރޮގްރާމްތަކެއް ގެނެސްދޭނެ ކަމުގެ ޔަޤީންކަން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް ދެއްވިއެވެ.