ޕެންޝަން ސްކީމްގެދަށުން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހުޅުވާލައިފިއެވެ.
ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2019 އޮގަސްޓްގައެވެ.
އެ ޤަވާއިދުގެ ދަށުން ޕެންޝަން ފައިސާއިން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދެނީ، ޕެންޝަން އޮފީހާއިއެކު އެއްބަސްވުން ޤާއިމްކޮށްފައިވާ އަދި ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ އެ އޮފީހާއެކު އެއްބަސްވުން ޤާއިމުކުރަން، މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ބޭނުންވާ ފަރާތްތައް، މިމަހުގެ 14ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން އެކަން އެންގުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން [email protected] މެދުވެރިކޮށް، ސިޓީ ނުވަތަ އީ-މެއިލްއެއް މެދުވެރިކޮށް އެކަން ޕެންޝަން އޮފީހަށް އެންގޭނެކަމަށް އެ އޮފީހުން ބުންޏެވެ.
ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 (ތިންސަތޭކަ ތިރީސް ހަހާސް) ރުފިޔާ ޖަމާކުރެވިފައިވާ މީހުންނަށެވެ.
ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި ޢަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމުވެސް ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންނެވެ.
ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ޙައްޖަށް ނުދެވިއްޖެނަމަ، އެ އަހަރެއްގެ ޙައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ޙައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓަ ވަނީ ލިބިފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކޯޓާ ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އަދި 3 ކުންފުންޏަކަށް ބާލީ ކޯޓާ ވަނީ ބަހާލާފައެވެ. އެއީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. އެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ވަނީ ދީފައެވެ.