ކުޅިވަރު

ރޭންކިންގ ފުރަތަމަ މެޗުން ފިރިހެން ޓީޓީ ޓީމް މޮޅުވެއްޖެ


މެލޭޝިއާގައި މިހާރު ކުރިޔަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ރޭންކިންގ މެޗުގައި ދިވެހި ޤައުމީ ޓޭބަލް ޓެނިސް ޓީމް މަލްޓާގެ މައްޗަށް ކުރި ހޯދައިފިއެވެ. 

މިއަދު ހެނދުނު ކުޅުނު މި މެޗް ދިވެިހި ޓީމް ކާމިޔާބުކުރީ ތިން މެޗް އެއް މެޗުންނެވެ. ރާއްޖޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އޭނާ ކުޅުނު ދެ މެޗްވެސް ކާމިޔާބުކުރިއެެވެ. މެޗުން ދިވެހި ޓީމް މޮޅުވީ ޒީސްތް ނަސީމް އޭނާ ކުޅުނު މެޗްވެސް ކާމިޔާބުކުރުމުންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދިވެހި ފިރިހެން ޓީމް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. ގްރޫޕް ސްޓޭޖްގައި ދިވެހި ޓީމް ވާދަކުރީ ޕާކިސްތާން، ޕެނަމާ އަދި ތުރްކްމިނިސްތާނާއެވެ. މިހާރު ދިވެހި ޓީމް ކުޅެމުންދަނީ ރޭންކިންގ މެޗުތަކެވެ. ރޭންކިންގގެ ދެވަނަ މެޗުގައި ދިވެހި ފިރިހެން ޓީޓީ ޓީމް ނިކުންނާނީ މޮރޮކޯ އަދި ކޮސޯވޯ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން ދިވެހި އަންހެން ޓީޓީ ޓީމްވެސްވަނީ ބަލިވެފައެވެ. އަންހެން ޓީޓީ ޓީމް ރޭންކިންގ ފުރަތަމަ މެޗުގައި ނިކުންނާނީ ތުރްކްމިނިސްތާނާއި ދެކޮޅަށެވެ. މިދިޔަ މަހުގެ އަށާވީހުގައި ފެށި މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.