ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ރަމަޟާންމަހުގެ ޢިނާޔަތްދެމުން ނުދާކަމުގެ ޝަކުވާތައް ހުށައެޅެމުން އަންނަކަމަށް ލޭބާރ ރިލޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ. އެ އޮތޯރިޓީން ވިދާޅުވީ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ ފަންސާސް އެއްވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުއައްޒަފަކަށް ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ތިންހާސް ރުފިޔާ ދޭންވާނެކަމަށެވެ. ބިދޭސީ މުސްލިމް މުއައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތްދިނުމުގެ އިޚުތިޔާރު ވަޒީފާ ދޭފަރާތަށް ލިބިގެންވާކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކަން މިހެން އޮތްނަމަވެސް އެންމެ ބޮޑު އެއްޝަކުވާއަކަށް ވެފައިވަނީ ރޯދަމަހުގެ ޢިނާޔަތް ކަނޑައެޅިފައިވާ ގޮތަށް ލިބެމުން ނުދާކަމުގެ ޝަކުވާއެވެ.
ވަޒީފާބެހޭ ޤާނޫނާ އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާޢިދުތައް ތަންފީޒުކުރުމަށް އެކުލަވާލައްވާފައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވީ ރަމަޟާންމަހުގެ ޢިނާޔަތް ބައެއް ފަރާތްތަކުން ދެމުން ނުދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. ރޯދައިގެ ޢިނާޔަތްދިނުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމްކަމަކަށް ވީނަމަވެސް ޢިނާޔަތް ނުދީގެން ގިނަ މައްސަލަތަކެއް ހުށައަޅަމުން އަންނަކަމަށް ލޭބަރ ރިލޭޝްންސް އޮތޯރިޓީގެ ލީގަލް އޮފިސަރ މަރިޔަމް ސާޙަތު ވިދާޅުވިއެވެ.
ކޮންމެ ޤާނޫނަކީވެސް ރައްޔިތުންނަށް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމުގެ ގޮތުން ވުޖޫދަށް އަންނަ ޤާނޫނުތަކެއްކަމަށާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތް ލިބިގެންވާ ފަރާތެއްގެ ޙައްޤަކަށް ބަޔަކު އަރައިގަންނަނަމަ އެކަމަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު އެޤާނޫން ލިބިދީފައިވެއެވެ. އެގޮތުން ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށޫން ހެދިފައިވާ ޤަވާޢިދުތަކަށް ޢަމަލުކުރޭތޯ ބެލުމާއި ގާނޫނޫ ތަންފީޒުކުރުމަށް ލޭބަރ ރިލޭޝްންސް އޮތޯރިޓީގެ މައްޗަށް ލާޒިމްކުރެއެވެ. ރަމަޟާންމަހުގެ ޢިނާޔަތް ޤާނޫނުގައިވާ ގޮތަށް ދެމުން ގެންދޭތޯ ބައްލަވަމުން ގެންދަވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިންފޮރމޭޝަން އޮފިސަރ ޢަލީ ޝަރީފް ވިދާޅުވިއެވެ. އަދި ޢިނާޔަތާ ގުޅޭގޮތުން ހުށައެޅޭ ހުރިހާ މައްސަލައެއް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަތުރުކޮށް ބަލަމުން ގެންދާވާކަމަށްވެސް އަލީ ޝަރީފް ވިދާޅުވިއެވެ.
މިކަމުގެ ޝަކުވާ ހުށައެޅޭތީ އެ އޮތޯރިޓީން ގެންދަވަނީ އިންސްޕެކްޓް ކުރައްވަމުނެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްވެސް ހިމެނޭގޮތަށް ވިލަރެސްކުރައްވަމުން އެބަގެންދަވައެވެ. މިކަމުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވަމުންދަނީ ލޭބަރ ރިލޭޝަަންސް އޮތޯރިޓީގެ އިންސްޕެކްޝަން އޮފިސަރުންނެވެ. މި ކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި ރަށު އޮފީސްތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން އެއޮތޯރިޓީން ފަހަގަކުރައްވައެވެ.