އާބާދީ ކުޑަނަމަވެސް ދިވެހިރާއްޖެއަކީ ވެސް މުއްސަނދި ތާރީޚަކާއި ޘަޤާފަތެއް އޮތް ފަޚުރުވެރި ޤައުމެކެވެ. އެކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދުވެސް ފެންނަން ހުރި ތާރީޚީ އާސާރުތަކުން ހެކިދެއެވެ. މިފަދަ ތަންތަނަކީ ދިވެހީންގެ އެވޭލާ ދިރިއުޅުމާއި، އާދަކާދަ އާއި ސަޤާފަތް ދައްކައިދޭ ރަމްޒެކެވެ. ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ވާހަކަތައް މިތަންތަނުން ބުނެދެއެވެ. އެހެންކަމުން މިފަދަ އާސާރުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އަންނަން އޮން ޖީލަށްޓަކައި ކުރުން ލާޒިމުކަމެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގޮތަށް ފާހަގަކުރެވޭ އާސާރުތައް ރައްކާތެރިކޮށް ޚިމާޔަތްކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފަދަ ތަންތަނުގެ މަޢުލޫމާތު އެއްކުރައްވައި، އެ ތަންތާނގެ އާބާތުރަފިލުވައި، ރައްކާތެރިކުރުމަށް ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ އެއް މަސައްކަތަކީ ތ. ދިޔަމިގިލީ ގަނޑުވަރު އާބާތުރަ ފިލުވައި، އެތަނުގައި ސައިޓް މިއުޒިއަމެއް ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތެވެ.
ދިޔަމިގިލީ ގަނޑުވަރަކީ މީލާދީން 1704 ން 1757 އަށް ރަސްކަންކުރި ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތަކުގެ ތެރެއިން މިހާރު ފެންނާންހުރި، އެ ރަސްކަމުގެ އެންމެ މުހިންމު ރަމްޒެވެ. އެ ރަސްކަމުގައި ދިޔަމިގިލީ ގަނޑުވަރަށާއި ދިޔަމިގިއްޔަށް ޚާއްޞަ އިމްތިޔާޒުތަކެއް ދެއްވާފައިވާކަން ތާރީޚީ ދިރާސާތަކުން ހާމަވެފައިވެއެވެ.
ދިޔަމިގިލީ ގަނޑުވަރު ހުންނަ ގޯތީގައި ދިގުމިނުގައި 34 ފޫޓު އަދި ފުޅާމިނުގައި 30 ފޫޓު ހުރެއެވެ. މި ގަނޑުވަރު ރާނާފައިވަނީ އުވައާއި ހިރިގައު ބޭނުންކޮށްގެނެވެ. މި ގަނޑުވަރު ހުންނަނީ ރަށުގެ މެދަށްވާ ގޮތަށެވެ. ބެލެވޭގޮތުގައި މި ގަނޑުވަރަށް މިހާރު 318 އަހަރު ވެދާނެއެވެ. އަދި މި ގަނޑުވަރު ހިމެނޭ މަގަށް ދީފައިވާ ނަމަކީވެސް ގަނޑުވަރަށް ނިސްބަތްކޮށް، ގަނޑުވަރުމަގެވެ.
މިތަނުގައި ސައިޓް މިއުޒިއަމެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އެކަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ސަރވޭކުރުމުގެ މަސައްކަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ކުރައްވައިފައެވެ. އަދި މިހާރު ވަނީ ދިޔަމިގިލީ ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ޢިމާރާތާއި ގޯތިތެރެ ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯއްދަވަން އިޢުލާންކުރައްވައިފައެވެ.
ދިޔަމިގިލީ ގަނޑުވަރުގެ ގޯތިތެރޭގައި ތަރައްޤީކުރާ ސައިޓް މިއުޒިއަމްގައި މިޒަމާނުގެ މިއުޒިއަމްތަކުގައި ޤާއިމުކޮށްފައި ހުންނަފަދަ ޑިޖިޓަލް އެގްޒިބިޓްތައް ޤާއިމުކޮށް، އެތަނާގުޅޭ މަޢުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖަައްސަވާނެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިޔަމިގިލީ ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ، ދިޔަމިގިލީ ގަނޑުވަރުގެ ޢިމާރާތް ހުރީ ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެ، ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފައި ކަމަށެވެ. އަދި މި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުން ވާނީ، ދިޔަމިގިލީ ދަރިކޮޅާބެހޭ ތާރީޚު އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، މިހާރުގެ ޖީލަށްވެސް ފޯރުވައިދިނުމަށް ކުރެވޭ ބޭނުންތެރި މަސައްކަތެއްގެ ގޮތުގައިކަމަށެވެ.
ތ. އަތޮޅަކީވެސް މިހާރު ލޯކަލް ޓޫރިޒަމް ހަލުއިކަމާއެކު ފުޅާވަމުން އަންނަ ސަރަޙައްދަކަށްވާތީ، މިކަން ވާނީ، އެރަށުގައިވެސް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުޅުވޭ މުހިއްމު ދޮރެއްގެ ގޮތުގައި ދިޔަމިގިލީ ކައުންސިލުން ދެކެއެވެ.
"އަޅުގަނޑުމެންނަށް މި މަސައްކަތް ފެށިގެން މިތަން ތަރައްޤީވެގެންދިޔައީމަ، މި އަތޮޅަށް ބަލާލާއިރު އަތޮޅުގައި ޓޫރިޒަމް ފުޅާވެގެންދާއިރު، ޚާއްސަކޮށް މި ގަނޑުވަރު ބޭނުންކޮށްގެން އަޅުގަނޑުމެންނަށް މި އަތޮޅުގެ ތާރީޚީ ކަންތައްތައް ޓޫރިސްޓުންނަށް އަންގައިދެވޭނެ. ހެރިޓޭޖާއި ޓޫރިޒަމާއެކު ބޭއްވުނު ބައްދަލުވުންތަކުގައި އެބޭފުޅުންވެސް ވަރަށް ބޭނުންވޭ ޓޫރިސްޓުންނަށް މިތަނުގެ ތާރީޚާގުޅޭ މަޢުލޫމާތު އެނގޭނެ ތަނެއް ހުންނަން. މި ގަނޑުވަރު ކަލްޗަރަލް ޓޫރިޒަމެއްގެގޮތުގައި ތަރައްޤީކުރަން" ދިޔަމިގިލީ ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވިއެވެ.
މި މަސައްކަތަކީ ރަށާއި، އަތޮޅާއި ދިޔަމިގިލީ ގަނޑުވަރާބެހޭ ތާރީޚު، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދިނުމުގެ އިތުރުން، ރަށަށް އިޤްތިޞާދީގޮތުން ވެސް މަންފާތަކެއް ކުރާނެ އުއްމީދީ މަސައްކަތެއްގެ ގޮތުގައި ދިޔަމިގިލީ ކައުންސިލުން ފާހަގަކުރެއެވެ.
މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދިޔަމިގިލީގެ އިތުރުން ނ. ލަންދޫގައި ހުންނަ މާބުދުގެ މަރާމާތުކޮށް ހެރިޓޭޖް ޕާކެއް ތަރައްޤީކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި 2 ރަށުގައި ކުރިއަށްގެންދަވާ މި 2 މަަޝްރޫޢުއަށް އިންޑިއާ ސަރުކާރުން 5.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވެއެވެ. މި އެހީ ދިނުމުގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.