ޚަބަރު

އެމްޓީސީސީގެ އަމާޒު: 3 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ސާފު ފައިދާ އިތުރުކުރުން


އަމާޒަކީ ކުންފުނީގެ އާމްދަނީ 3 ބިލިއަނަށް އިތުރުކޮށް، ސާފު ފައިދާ 300 މިލިއަން ރުފިޔާއަށް ގެންދިއުންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކުރުނބާގައި ބޭއްވުނު އެކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ނިންމާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނީގެ އާމްދަނީ އެއް ބިލިއަނަށް ގެންދެވުނީ 40 އަހަރުން ކަމަށެވެ. އަދި ވޭތުވެދިޔަ 3 އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކާއެކު ކުންފުނީގެ އާމްދަނީ 2.4 ބިލިއަން ރުފިޔާއަށް އިތުރުކުރެވުނުކަމަށެވެ.

އާޒިމް ވިދާޅުވީ، އެކުންފުނީގެ މުވައްޒަފުންގެ ހީވާގި މަސައްކަތާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކޮށް ސާފު ފައިދާގެގޮތުގައި ލިބޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އަމާޒަކީ އަންނަ އަހަރު 300 މިލިއަން ރުފިޔާ ސާފު ފައިދާގެގޮތުގައި ހޯދުންކަމަށެވެ.

"މިހާރު އިތުރު އެއް ބިލިއަން އިތުރު ކުރެވޭތޯ މަސައްކަތް މި ކުރަނީ. އެއާއެކު %10 ގެ ޕްރޮފިޓެއް، އަންނަ އަހަރު 300 މިލިއަންގެ ޕްރޮފިޓެއް ލިބޭތޯ މި މަސައްކަތް ކުރަނީ" އާޒިމް ވިދާޅުވިއެވެ. އަދި މިއަހަރު ނިމޭ އިރު އެކަން ހާސިލުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު އެމް.ޓީ.ސީ.ސީއިން ވަނީ 65 މަޝްރޫޢެއްގެ މަސައްކަތް ފަށައި، 42 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 5 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުތަކުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި އެކުންފުނިން ކުރަމުން އަންނަކަން އާޒިމް ފާހާގަކުރެއްވިއެވެ.

އެމް.ޓީ.ސީ.ސީގެ 2022 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރަށް ވުރެ މަދު ޢަދަދެކެވެ.

ވޭތުވެދިޔަ އަހަރު ލިބުނު ފައިދާ އިން މޫނުމަތީ އަގު 5ރ ގެ ހިއްސާ އަކަށް 4ރ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމުން ހިއްސާ ދާރުންގެ ވޯޓުން ނިންމީ ފައިދާ ބަހަން ނުފެންނަ ކަމަށެވެ.

އެމް.ޓީ.ސީ.ސީގެ އާމްދަނީ މިދިޔަ އަހަރު ވަނީ، އޭގެ ކުރީ އަހަރަށް ވުރެ 600 މިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި މިއީ ވޭތުވެދިޔަ 3 އަހަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު ޢަދަދެކެވެ. މިދިޔަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.