ތަރައްޤީގެ ގޮތުން އަންނަ ކޮންމެ ކުރިއެރުމާއެކު އޭގެ ފަސޭހަކަން ލިބެނީ ރައްޔިތުންނަށެވެ. އެންމެ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށް މިހާރު ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަސައްކަތަކީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތެވެ.
1000މިހުންގެ އާބާދީއެއް އޮންނަ އއ.މަތިވެރިއަކީ ރަށުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުން އަންނަ ރަށެކެވެ. މިހާރުވެސް 12ވަރަކަށް ގެސްޓްހައުސް ހިންގަމުން އަންނަ މަތިވެރީގައި، އިތުުރު ގެސްޓްހައުސްތައް ތަރައްޤީކޮށް ވިޔަފާރިއަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ރަށަށް މި އަންނަ ތަރައްޤީގައި ރަށަށް އެންމެ މުހިންމު ޚިދުމަތަކަށް މިވަގުތު ވެފައި އޮތީ، ފެނާއި ނަރުދަމާގެ ރައްކާތެރި ދެމެހެއްޓެނިވި ނިޒާމެކެވެ.
ރަށު ކައުންސިލްގެ ރައީސް އަޙުމަދު އަސްލަމް ވިދާޅުވީ، މަތިވެރީގައި ފެން ތަޣައްޔަރުވެ ފެނުގެ މައްސަލަ ބޮޑުވާންފެށީ ސުނާމިއަށް ފަހުގައިކަމަށެވެ. ފެން ލޮނުވުމާއި ތަޣައްޔަރުވެ ފެނުން ނުބައިވަސްދުވާ، ފެން ބޭނުންކުރަންވެސް ދަތިވެފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އަސްލަމް ވިދާޅުވީ މުޅި ރަށުގެ ހުރިހާ ހިސާބެއްގައިވެސް މި މައްސަލަ އެބައޮތްކަމަށެވެ.
ނަރުދަމާގެ ނިޒާމަށް ބަލާއިރު، މަތިވެރީގައި ރަށުގެ ރައްޔިތުން އަމިއްލައަށް ވިއުގައެއް އަޅައިގެން، މޫދަށް ހޮޅިލައިން އަޅާ ނަޖިސް ބޭރުކުރަމުންދެއެވެ. ނަމަވެސް މިއީ ދާއިމީ ޙައްލެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. މިއީ މައްސަލަތައް ބޮޑު، ބެލެހެއްޓުމަށްވެސް ދަތި ނިޒާމެއްކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
މަތިވެރީގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ފުރަތަމަ ފެށީ ކުރީގެ ސަރުކާރުގައެވެ. ނަމަވެސް މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފައި ނުވާތީ އޭގެ ފަސޭހަކަން އޮތީ ނުލިބިއެވެ. ނަމަވެސް މިހާރު މަސައްކަތްތައް އަލުން ފަށާ، ނަރުދަމާ ނިޒާމުގެވެސް ބޮޑު ބައެއް މިވަނީ ނިންމާފައެވެ.
އަސްލަމް ވިދާޅުވީ ރަށުގައި ފެނުގެ ޚިދުމަތް މިހާރު އޮތީ ފެށުމުގެ މަރުހަލާގައިކަމަށެވެ. އެގޮތުން ފެން ޕްލާންޓް ބަހަޓާ ޢިމާރާތުގެ މަސައްކަތް ނިމި، ރަށުގެ ގެތަކަށް ކަނެކްޝަން އެޅުމުގެ މަސައްކަތްތައްވެސް ނިމިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިގޮތުން މިހާތަނަށް ވަނީ 230 އަށްވުރެ ގިނަ ގެއަށް ކަނެކްޝަން ގުޅާފައެވެ.
"ރަށު އިސްރައްވެހިންގެ ބަޔަކު އެޅި ވަގުތީ ނިޒާމެއް ރަށުގަ މިއޮތީ. އެކި ހިސާބުން މޫދަށް ހޮޅިއަޅައިގެން ނަޖިސް ބޭރުކުރަނީ. ނަމަވެސް މިހާރު ނަރުދަމާގެ ބޮޑު ޕްރޮޖެކްޓް ބާރަށް އެބަ ކުރިއަށްދޭ. %85 މިހާރު އެވަނީ ނިމިފައި. ފެން މިހާރު ޓެސްޓިން ނިިމި، ޚިދުމަތް ފެށުމަށް އޮތީ ތައްޔާރަށް." މަތިވެރި ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވިދާޅުވިއެވެ.
ރަށުގެ ފެނުގެ މައްސަލަ ބޮޑުވުމަކީ، އެކަމުގައި އުފުލަންޖެހޭ ތަކުލީފުގެ އިތުރުން އެކަމަށް ޚަރަދުވެސް ކުރަންޖެހޭކަމެކެވެ. ރައްކާތެރި ފެނުގެ ނެތުމުގެ ސަބަބަން ރައްޔިތުން އަމިއްލައަށް ޕަމްޕާ ފިލްޓަރު ގަނެގެން، ފެން ސާފުކުރަން މަސައްކަތްކުރެއެވެ. ނަމަވެސް މިއީ ދާއިމީ ޙައްލަކަށް ނުވާތީ ރަށުގެ ރައްޔިތުން ތިބީ ފެނާ ނަރުދަމާގެ މަޝްރޫޢު ނިމި ޚިދުމަތް ލިބުމުގެ އިންތިޒާރުގައެވެ.
"ކޮންމެ މަހަކު 2، 3 ބުރު މަގުތައް ކޮންނަންޖެހޭނެ ޖަންގްޝަންތައް މައްސަލަ ދިމާވެގެން. މިއީ ވަރަށް ދަތިކަމެއް. ފެނުންވެސް ވަރަށް ނުބައި ވަސްދުވާ. ރަށަށް އަރާ ފަތުރުވެރިންވެސް ޝަކުވާ ކުރޭ އެކަމާ." ރަށުން ވާހަކަދެއްކި މީހުން ފާހަގަކުރެއެވެ.
ރަށުގެ ރައްޔިތުން ތިބީ، މި ދެ މަޝްރޫޢުގެ މަސައްކަތް ނިމި އަވަހަށް ޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުއެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ފެނުގެ ޚިދުމަތް ފެށޭކަމަށް ކައުންސިލުންވެސް އަންދާޒާކުރެއެވެ.
މި ޚިދުމަތްތައް ޤާއިމްކުރުމަށް މަތިވެރީގައި ވަނީ 6.8 ކިލޯމީޓަރުގެ ފެނާ ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށްފައެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ފެނާ ނަރުދަމާގެ ރައްކާތެރި ނިޒާމެއް އޮތިމަކީ، ޤާނުނުންވެސް ފަހިކޮށްދެންޖެހޭ އަސާސީ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.