އއ. އުކުޅަހު މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި 2.68 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.
އއ. އުކުޅަހަކީ އާބާދީގައި 1100 މީހުން ރެޖިސްޓްރީކޮށްފައިވާ ރަށެކެވެ. ނަމަވެސް ފަރުތުވެރިކަމާއި ސިނާޢީ އެކި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރާ އެރަށުގައި، އާއްމުކޮށް އަބަދުވެސް 2000 މީހުންގެ އާބާދީއެއް ދިރިއުޅެމުން އާދެއެވެ.
އިޤްތިޞާދީގޮތުން ރަށުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނައިރު، ފަހަކާޖެހެންދެންވެސް ޢުމްރާނީގޮތުން ރަށް އޮތީ ފަހަތުގައެވެ. އުކުޅަހަށް ދިމާވެފައިވާ ޢުމްރާނީ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ރަށުގެ ރައްޔިތުން އަބަދުވެސް ފާހަގަކުރަމުންދަނީ، ރަށުގެ މަގުތަކުގެ ޙާލަތު ދަށްވުމެވެ.
ޚާއްސަކޮށް ވިއްސާރާ ދުވަސްވަރު މިކަންވަނީ، ރަށުގެ ރައްޔިތުންނަށްވެސް އަދި ރަށަށް އަރާ ފަތުރުވެރިންނަށްވެސް ވަރަށް ބޮޑު ތަކުލީފަކަށެވެ.
ވިއްސާރަވެ ފެން ނުހިނދުމާ، މަގުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކާއި، ޗަކައިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޗަކަޔަށްއެރި ކަހާލާ، އާއްމުންނަށްވެސް އަދި ފަތުރުވެރިންނަށްވެސް އެތަށް އަނިޔާއެއްވެސް ވަމުން އާދެއެވެ. މިއީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.
"ގަޑިއެއްހާއިރު ވާރޭ ވެހިއްޖެއްޔާ މަގުތަކުގައި ފެން ބޮޑުނުވާ އެއްމެ ހިސާބެއްވެސް ނޯންނާނެ. އަޑިގުޑަން ބޮޑުކަމުން ސައިކަލުފަދަ އުޅަނދު ދުއްވާއިރު އިންޖީނު އޮންނާނީ ފެނު އަޑީގައި. އަދި ސްކޫލަށް ކުދިން ގެންދިއުމަށް އެންމެ ދަތިވަނީ. 2-3 ބޫޓު ގަންނަންޖެހޭ. އަބަދުމިހެން މަގުތައް އޮންނާންޏާ ހަލާކުވާނެއްނު. ވެއްޓި އަނިޔާވެސްވޭ ވަރަށް ގިނައިން" ރަށުން ވާހަކަދެއްކި އާއްމުން ފަހަގަކުރިއެވެ.
އުކުޅަހުގެ މަގުތަކުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިދިޔަ އަހަރުވަނީ، އެރަށުގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައެވެ. މިކަމުގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ ރަށުގައި ފަށާފައެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތް އިބްރާޙިމް ވިދާޅުވީ، ވިއްސާރަ ދުވަސްވަރު، ގަޑިއެއްހާއިރު ވާރޭ ވެހިއްޖެނަމަ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ، އެކިވަރު ގެއްލުންތައް ކުރިމަތިވެގެން އަބަދުވެސް ރިޕޯޓްކުރާކަމަށެވެ. ބައެއްފަހަރު ކޯރު ކަނޑާ ފެންގަނޑު ބޭރުކުރާކަމަށެވެ. ނަމަވެސް އެއީ މިފަދަ ބޮޑު މައްސަލައަކަށް ޙައްލެއް ނޫން އޭނާ ވިދާޅުވިއެވެ.
"މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް. މި ތަކުލީފުގައި އުޅޭތާ ވަރަށް ޒަމާންވެއްޖެ. މަގުހެދުމުގެ މަޝްރޫޢުވާނީ ރަށުގެ މަންޒަރު ބަދަލުކޮށްލާނެ، ތަރައްޤީއަށް ވަރަށް މުހިންމު ފިޔަވަޅަކަށް" ޝައުކަތް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އެމް.ޓީ.ސީ.ސީން މިހާރުދަނީ މަގުގެ ސައިޑް ވޯކް މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ. މީގެތެރޭގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހުގެ ޖުމްލަ 2.68 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. މީގެ ތެރޭގައި ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނެއެވެ. މީގެއިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 14 މަސް ދުވަހުން (450 ދުވަސް) ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 59.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.