އއ.ހިމަންދޫއަކީ އާބާދީގައި 800މީހުން ދިރިއުޅޭ ރަށެކެވެ. ރަށް ކުޑަވުމާއި އާބާދީ ކުޑަވުމުގެ ސަބަބުން މިހާތަނަށް އެރަށަށް ޢުމްރާނީ ތަރައްޤީ ގެނައުމަށް ސަރުކާރުތަކުން މާބޮޑު މަސައްކަތެއްކޮށްފައެއް ނެތެވެ.
ހިމަންދުއަކީ 2020 އަހަރާހަމައަށްވެސް، ލަފާފުރުމަށް އެ އަތޮޅުގައި ބަނދަރެއްގެ ނެތް ހަމައެކަނި ރަށްވެސްމެއެވެ. އެހެން ހުރިހާ ރަށްތަކުގައި 2000ގެ އަހަރުގެ ކުރީގައި ބަނދަރު ހަދާ އޭގެ ފަސޭހަ ލިބެމުން އައިއިރު، ހިމަންދޫގެ ރައްޔިތުން ތިބީ އެ ޚިދުމަތް މަޙްރޫމުވެފައެވެ.
އެރަށުގައި ރަށަށް އަރާފޭބުމަށް ބޭނުންކުރަމުންއައީ ރަށުގެ ރައްޔިތުން ހަދާފައި އޮތް ޖެޓީއެކެވެ. ރަށަށް އަރާފޭބުމުގައި އާއްމުންނަށް ހުރި ދަތިތަކާއިއެކު، ކަނޑު އުޅަނދަކަށްވެސް އެއްވެސް ރައްކާތެރިކަމެއް ނޯވެއެވެ.
"ބައެއް މޫސުމުގައި ޖެޓީކައިރިއަށް ދޯނި ކައިރިނުކޮށްލެވި ވަރަށް ދަތީގަ އުޅެނީ. ބަލިމީހަކު އަރުވާ ބާލަންވެސް އެހާ ދަތި." އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމު އިސްމާޢީލް ވިދާޅުވީ ހިމަންދޫގެ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް ކުރި އުއްމީދަކީ، ފަސޭހަ ލަފާފުރޭނެ ނިޒާމެއް ލިބުމަށެވެ. ރަށަށް ޒަމާނީ ބަނދަރެއް ލިބުންކަމަށެވެ.
އެކި އެކި ކެމްޕެއިން ދުވަސްވަރުގައިވެސް ހިމަންދޫގެ ރައްޔިތުން އެދެމުންދިޔަ ހަމައެކަނި ޚިދުމަތަކީވެސް އެއީއެވެ. ކުރީގެ ސަރުކާރުން އިހުމާލުވި މި މައްސަލައަށް އަޅާލައި ހައްލު ހޯދައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންނެވެ. މިކަން ހަގީގަތަކަށްހެދުމަށް 2019ވަނަ އަހަރު މި ސަރުކާރުން އެ މަސައްކަތް އެމްޓީސީއާއި ހަވާލުކުރިއެވެ. ބަނދަރު ހަވާލުކޮށް އަހަރެއްވީއިރު، މުޅި ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިންމާ، ޢާންމުނަށް ބަނދަރެއްގެ ފަސޭހަކަން ދަނީ ލިބެމުންނެވެ.
ކައުންސިލްގެ ރައީސް ހުޝާމު ވިދާޅުވީ ރަށަށް އަރާފޭބުމުގެ އިތުރުން، ރަށަށް މުދާ އަރުވާ ބާލަންވެސް ވަރަށް ބޮޑު ލުޔެއް ލިބިއްޖެކަމަށެވެ. ކުރިން ޖެޓީ އޮތްއިރު، ގެންނަ މުދާ ރައްކާތެރިކަމާއެކު ބާލާ، ގޭގެއާއި ހަމައަށް ގެންދިއުމުގައިވެސް އެތަށް ތަކުލީފަކާ ކުރިމަތިލާންޖެހުނުކަމަށް ހުޝާމް ވިދާޅުވިއެވެ. ޚާއްސަކޮށް ރަށަށް، ބަރު މުދާ ބޭލޭނެ ގޮތެއް ނެތްކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ޖެޓީއަކު މުދާ ބާލާފައި ނުބެހެއްޓޭނެ. ކޮނޑުމަތީގައި ނޫނީ ބަރޮއަކަށް ފަހަރަކު އެއްޗެއް ނަގާ ރަށަށް އަރުވަންޖެހެނީ. މިހާރު ބަނދަރެއް ލިބިގެން މިދިޔައީ ރައްޔިތުން ބޭނުންވިގޮތަށް ހަމަ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެރަށުގައި ތަރައްޤީކޮށްފައިވަނީ ރަށުގެ ނިސްބަތުން ވަރަށް ބޮޑު ބަނދަރެކެވެ. އެންމެ ބޮޑެތި އޮޑިފަހަރު މަދުނަމަވެސް، ރަށުގައި ޑިންގިއާ ލޯންޗުތައް އަންނަނީ އިތުރުވަމުންނެވެ.
ހިމަންދުއަކީ ކޮންމެވެސްވަރަކަށް މަސްވެރިކަންވެސް ކުރާ ރަށެކެވެ.
"ކުރިން އުޅަނދެއް މަސްވިއްކަން އައިނަމަވެސް ޖެޓީގައި އޮޑި އަޅަފައި ބޭއްވޭކަށް ނޯވޭ.. ބައެއްފަހަރު ޑިންގިއެއް ކައިރިކޮށްގެން މަސް ނޫނީ މުދާވެސް ރަށަށް ބާލަންޖެހެނީ." ރަށުން ވާހަކަދެއްކި އެހެން މީހަކު ފާހަގަކުރިއެވެ.
ރައްޔިތުން އެދުނުގޮތަށް ހިމަންދޫގައި ސަރުކާރުން ތަރައްޤީކުރީ 700 ފޫޓުގެ ބޮޑު ބަނދަރެކެވެ. ނަމަވެސް ރަށުގެ ނެރު އޮތްގޮތުން، މޫސުން ބަދަލުވާ ދުވަސްވަރު ކޮންމެވެސްވަރެއްގެ ދަތިކަމެއް އަދިވެސް ކުރިމަތިވާކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
ޖުމަލަކޮށް ބަލާއިރު ހިމަންދޫގެ ބަނދަރަކީ ރަށުގެ ތަރައްޤީއާއި ލާމެހިފައިވާ މަޝްރޫޢުއެކެވެ. އެތަށް ދުވަހެއްގައި ރައްޔިތުން އުފުލި ތަކުލީފަށް ނިމުންގެނުވި މުހިންމު މަޝްރޫޢުއެކެވެ. އަދި ލޯކަލް ޓޫއަރިޒަމްގެ ޚިދުމަތް ރަށުގައި ފަށައިގެން އަންނައިރު މުހިންމު ޚިދުމަތެކެވެ.
މި މަޝްރޫޢުގެ ދަށުން 28 ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކާ، 372 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 405 މީޓަރުގެ ބޭރު ތޮށްޓެއް ވަނީ ޤާއިމުކޮށްފައެވެ. އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހާ، އެއްގަމު ތޮށްޓާއި ބޭރު ތޮށި ގުޅުވާލުމަށް ފާލަމެއް ހެދުމުގެ އިތުރުން، ބާޖުތަކަށް ފަސޭހައިން ބަނދަރާއި ގާތްކުރެވޭގޮތަށް ރޭމްޕެއްވެސް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ތަރައްޤީކޮށް، ބަނދަރާއި އިންވެގެން 1750 މީޓަރު ދިގު ޕޭވްމަންޓް މަގު ތަރައްޤީކޮށް، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ.