ޚަބަރު

އުކުޅަހު ބިން ހިއްކުމުގެ މަސައްކަތް ޖުލައި މަހު ފަށަން ތައްޔާރުވެފައި


  • އުކުޅަހުން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ 30 ހަކަށް އަހަރު ކުރިން

  • ރަށަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ

  • އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 200 އަށްވުރެ ގިނަ އާއިލާ އެބަތިބި

  • ޖުލައިމަހު ބިން ހިއްކަން ފެށޭނެ، 18 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވޭނެ

  • އިތުރުކުރެވޭ ބިމުގައި ފްލެޓާއި ރޯހައުސް ތަރައްޤީކުރުމުގެ ވިސްނުން

އއ. އުކުޅަހަކީ 1100 މީހުންގެ އާބާދީގެ ރަށެކެވެ. ލޯކަލް ޓުއަރިޒަމްގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އުކުޅަހަކީ 21 ހެކްޓަރުގެ ރަށެކެވެ. އާބާދީ އިތުރުވަމުން އަންނަ ގިނަ އެހެން ރަށްތަކެކޭ އެއްގޮތަށް އުކުޅަހަށްވެސް ބިމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ. މިއާއެކު ކުރިމަތިވާ އިޖްތިމާޢީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

އުކުޅަހުން އެންމެ ފަހުން ދިރިއުޅުމަށް ގޮތި ދޫކޮށްފައިވަނީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. ބިން ފުރި ރަށުގައި އިތުރަށް ދޫކުރެވޭނެ ބިމެއްވެސް ނެތެވެ. މިހާރުވެސް ރަށުގައި 250 އަށްވުރެ ގިނަ ގޭގޭގައި، ކުދިކުދި ގޭބިސީތައް ހަދާ އެތަށް އާއިލާތައް ދިރިއުޅެމުން އާދެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތި އިބްރާޙިމް ވިދާޅުވީ، ރަށުގައި ޒުވާނުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުންގެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަމަށެވެ. ރަށުގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 200 އަށްވުރެ ގިނަ އާއިލާ ތިބިއިރު، އޭގެތެރެއިން 60 ވަރަކަށް އާއިލާއަކީ އަވަސް ޙައްލެއް ބޭނުންވާ އާއިލާތައްކަމަށް ޝައުކަތު ވިދާޅުވިއެވެ.

އުކުޅަހަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެރަށު ބިން ހިއްކުމަށް އެމްޓީސީސީއާއި ޙަވާލުކުރީ 2020 ވަނަ އަހަރުއެވެ. އެކި މައްސަލަަކާހުރެ ޕްރެޖެކްޓަށް ބޮޑު ލަސްތަކެއް އައުމަށްފަހު، މިހާރު އެކަމުގެ މަސައްކަތްތައް ރަށުގައި ވަނީ ފަށާފައެވެ. އެގޮތުން ބިން ހިއްކުމަށް ބޭނުންވާ ސަރވޭތައްކޮށް، ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ޖެހުމުގެ މަސައްކަތްތައް މިހާރު ވަނީ ރަށުގައި ފަށާފައެވެ.

މި ޖުލައިމަހުގެ ތެރޭގައި، އެރަށުގެ ބިން ހިއްކަން ފެށުމަށް ބޭނުންވާ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

"ޖުލައިމަހުގެ 25 ވަނަ ދުވަހު، ބިން ހިއްކުމަށް ބޯޓު މިކޮޅަށް އަންނާނެކަމަށް މިހާރު އޮތީ. ދިހަވަރަކަށް ދުވަހުން 18 ހެކްޓަރުގެ ބިން މިރަށުން ހިއްކާނެ. މިއީ ގާތްގަނޑަކަށް 115 މިިލިއަންގެ މަޝްރޫޢުއް" ޝައުކަތު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ބިމުގެ މައްސަލައަށް މުޅިން ޙައްލެއް ނުލިބުނުނަމަވެސް، ބިން ހިއްކުމުގެ މަޝްރޫޢުއާއެކު ބޮޑު ޙައްލެއް އަންނާނެކަމަށެވެ. ކައުންސިލްގެ ވިސްނުމަކީ ބިމުގެ ފައިދާ ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭނެގޮތަށް ބިން ބޭނުންކުރުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ގޯތި ދޫކުރުމުގެ އިތުރުން، ބިމުގައި ފްލެޓާއި ރޯހައުސް ތަރައްޤީކުރުމަކީވެސް ވިއްނުމެއްކަމަށެވެ.

ޝައުކަތު ވިދާޅުވީ، އިގުތިޞާދީ ފުރުޞަތުތައްވެސް ހިމެނޭގޮތަށް، ހިއްކާ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ހަދާފައިވާކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމޭހާ އަވަހަށް، ގޯތި ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާނެކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ.

"ހަމަ މާލެއޭ އެއްގޮތަށް ވަރަށް ހާލުގައި އުޅޭ އާއިލާތައް އެބަހުރި. ކުދިކުދި ކޮޓަރީގައި ދެމެފިރިންނާ ދަރިން އެއް ތަނެއްގައި އުޅެންޖެހިފަވަނީ. އިޖްތިމާޢީ މައްސަލަތަވެސް ނިކުމޭ. ބައެއް މީހުން އަމިއްލަ ރަށުގައި ކުއްޔަށްވެސް އެބައުޅޭ" ރަށުން ވާހަކަދެއްކި މީހުން ފާހަގަކުރިއެވެ.

ބިން ހިއްކުމުގެ މަޝްރޫޢުއާއެކު ރަށުން އިޤްތިޞާދީ އިތުރު ފުރުޞަތުތައް ހުޅުވިގެންދިއުމަކީވެސް ރައްޔިތުންގެ އުއްމީދެކެވެ. އުކުޅަހުގައި ތިރިޙަށްވުރެ ގިނަ ގެސްޓްހައުސް މިހާރުވެސް ހިންގަމުން އާދެއެވެ.

"މިހާރު ފަތުރުވެރިކަމާއެކު ރަށަށް ގެނެވޭނެ އިތުރު ވަރަށް ގިނަ ވިޔަފާރިތައް އެބަުހުރި. އަދި އިތުތަރށް ބޭނުންވާ ޚިދުމަތްތައްވެސް ބަހުރި. ބިން ހިއްކި އެކަންކަމަށްވެސް މަގުފަހިވާނެކަމަށް އުއްމީދުކުރަނީ" ރަށުން ވާހަކަދެއްކި ޒުވާނަކު ފާހަގަކުރިއެވެ.

އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފަވަނީ އުކުޅަހުގެ ބިން ހިއްކުމާއި، އަދި ހިއްކާ ސަރަޙައްދު ބޮޑު ހިލަ ޖަހައިގެން ޙިމާޔަތްކުރުމުގެ މަސައްކަތެވެ. މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުން ކުރާ އުއްމީދު ބޮޑެވެ.