މާލޭގެ ބޯހިޔަވާހިކަމުގެ މައްސަލައަށް ޙައްލެއް ނުގެނެވި އޮތީ ކުރީގެ ސަރުކާރުތަކުގައި ބޯހިޔާވަހިކަމުގެ ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަންދީ، އަސްލު މައްސަލައަށް ރިޢާޔަތްކޮށްފައި ނުވާތީކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ގުޅިފަޅުގެ ބިން ހިއްކުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިމަމުގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަމަށެވެ. އެކަމަށް ޙައްލު ގެނެވޭނީވެސް ވަރަށް ބޮޑު ޕްލޭނެއް އެކަމަށް އޮވެގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުގައި މަސައްކަތްކުރައްވާފައިވަނީ ކުދިކުދި ޕްރޮޖެކްޓްތަކެއްގޮތުގައި މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށްކަމަށެވެ. އެގޮތުން ފްލެޓް އަޅައިގެން ހިންގި މަޝްރޫޢުތައްވެސް އަދި ގޯތި ދޫކުރިއަސް އެ މަސައްކަތް ކުރިއަށްގެންދިޔައީ، ވަރަށް ލަސްކޮށް، ކުދި ޕްރޮޖެކްޓްގެ ގޮތުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ބޮޑު މައްސަލައަކަށް ޙައްލު ގެނައުމަށް، މަސައްކަތުގެ ސްޕީޑް ވަރަށް މުހިންމުކަމަށެވެ. ކުދިކުދި، މަދު މަޝްރޫޢުތަކެއް ހިންގުމުގެ ބަދަލުގައި އެއްފަހަރާ ހިންގޭ ބޮޑު ބިޔަ، މަޝްރޫޢުކީ މިކަމަށް ލިބޭނެ އެންމެ ބޮޑު ޙައްލުގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އެތިއެތިކޮޅުން ގޯތިވިއަސް ފްލެޓްވިއަސް ދެމުންދިޔައީ. 200، 400 ފްލެޓް އަޅާފާނެ. ބިންކޮޅެއް ދީފާނެ. މިފަދަ ބޮޑު މައްސަލައަކަށް ޙައްލު އަންނާނީ އެކުއެކީގައި މައްސަލައަށް އެޑްރެސްކުރެވިގެން. މިހާރު މިހިންގޭ ބޮޑު މަޝްރޫޢުއަކީ ވަރަށް ވިސްނަވާފައި ރައީސް ނިންމެވި ނިންމެވުމެއް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯތި ލިބުނު މީހުންގެ ތެރެއިން މާލޭގައި ކުދިކުދި ބިންކޮޅުގައި ދިރިއުޅެމުންދިޔަ މީހުންގެ އަތުން އެ ބިންތައް އަތުނުލާނެކަމަށެވެ. އޭގެ ބަދަލުގައި އޭގެ ފައިދާ ޢާއިލާގެ ތެރޭގައި ނިކަމެތި ޙާލަތުގައި ދިރިއުޅެމުންދާ އެހެން މީހަކަށް ލިބުން މާ މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މި ޕްރޮޖެކްޓްގައި ގޯތި ލިބުނު މީހުންގެ އިތުރުން، އާއިލާގެ ތެރެއިން ގޯތި ނުލިބުނު މީހުންނަށްވެސް ނުސީދާކޮށް ފައިދާ ލިބޭކަމަށެވެ.
މި މަޝްރޫޢު ހިންގެވުމަށް ސަރުކާރުން މަސައްކަތްކުރެއްވީ 2019ވަނަ އަހަރުއެވެ. ނަމަވެސް ކޯވިޑްގެ ޙާލަތާ ގުޅިގެން މަސައްކަތަކަށް ވަރަށް ބޮޑު މަޑުޖެހުމެއްއައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭހެން 5000 ގޯތި ދިނުމަށް ސަރުކާރުން ނިންމެވިއެވެ. ނަމަވެސް ފަހުން މި ޢަދަދު 6200 ގޯއްޗަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހުއްރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވިއެވެ.
ގުޅިފަޅު ހިއްކުމަށް ފެށި މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.