ޚަބަރު

މެދުކެނޑުމަކަށްފަހު އެލިއާއިން ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް އަލުން ފަށައިފި


މެދުކެނޑުމަކަށްފަހު އަނެއްކާވެސް އެލިއާއިން ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް މިއަހަރު ފަށައިފިއެވެ.

ބޯޓް އޮޕަރޭޓާސް ޓްރެއިނިންގ ޕްރޮގްރާމަކީ އެލިއާއިން ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކުވެސް ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމް މިއަހަރު މި ބާއްވަނީ ކޯވިޑް-19ގެ މެދުކެނޑުމަކަށްފަހުއެވެ.

ޖުމްލަ 50 ބައިވެރިންނާއެކު ޓްރެއިނިން ޕްރޮގްރާމް ފަށާފައިވާއިރު މިއަހަރުގެ ޕްރޮގްރާމްގައިވެސް ތަފާތު ރިސޯޓްތަކާއި، ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުންވެސް ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ޓްރެއިނިން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 4 އިން 6 އަކަށެވެ.

މި ޓްރެއިނިން ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލިއާގެ މެނޭޖިން ޑިރެކްޓާރ އަލާ ވަލީދު ވަނީ ކަނޑުދަތުރުފަތުރު ކުރާއިރު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަމަކީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ކަނޑުދަތުރު ފަތުރުކުރުމުގައި ކޮންމެހެން ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަން ކަމާބެހޭ ތަޖުރިބާކާރު މާހީރުންގެ އެހީގައި ބައިވެރިންނާ ހިއްސާކުރެވިގެންދާނެކަމަށް އަލާ ވިދާޅުވިއެވެ.

މި ޓްރެއިނިންގެ މައިގަނޑު މަޤްޞަދަކީ ކަނޑުއުޅަނދުފަހަރުގެ ކެޕްޓަނުން ހޭލުންތެރިކޮށް، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި އައުޓްބޯޑް އިންޖީނު އެޅި ސްޕީޑް ބޯޓުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ބޭނުންވާ ތިއަރީއާއި ހުނަރުތައް ހިމެނޭ ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ.