ޚަބަރު

ޑެންގީއާއި އިންފުލުއެންޒާ އިތުރުވާތީ ރައްކާތެރިވުމަށް އިލްތިމާސްކުރައްވައިފި


  • ގިނަ ބަޔަކު ދަތުރުފަތުރު ކުރާނަމަ ބަލިތައް ގިނަވާނެ

  • މާސްކު އެޅުމާއި، ގައި ދުރުކަން ބެހެއްޓުމަކީ ރޯގާ ފަދަބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް

  • ހައި ރިސްކު މީހުން އިންފްލުއެންޒަރ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް

މިދުވަސްވަރު ޑެންގީއާއި، ބޭރަށް ހިންގުން އަދި ޢާންމު އެހެން ރޯގާތައް އިތުރު ދުވަސްވަރެއްކަމުން، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ ޑެންގީ ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ މިއީ ޑެންގީގެ އައުޓްބްރޭކް ދުވަސްވަރެއްކަމަށެވެ.


އާންމު ރޯގާތައް މިދުވަސްވަރު އިތުރުވެފައިވާތީ ޢާންމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ސަނާ ސަލީމް ވިދާޅުވީ، މިދުވަސްވަރު އަތޮޅުތެރެއަށާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރުން އިތުރުވެފައިވުމަކީ ޢާންމު ރޯގާތަކައި ބަލިތައް ފެތުރެން ދިމާވާ އެއް ސަބަބު ކަމަށެވެ. އަދި މި ސަރަހައްދުގެ ބައެއް ޤައުމުތަކުގައި، ޑެންގީ އިތުރުވާކަމަށް ބުނެ، ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ،ޑަބްލިޔު.އެޗް.އޯއިން އެލަރޓެއް ނެރެފައިވާ ކަމަށްވެސް، ސަނާ ފާހަގަކުރެއްވިއެވެ

"ޑެންގީ އަކީ ވައިރަލް ހުމާއި ތަފާތުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް. އެހެންވީމަ އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއީ މަދިރި ހެފުމުން ރައްކާތެރިވާން. އަދި އަޅުގަނޑުމެން ގައި ބޮޑަށް ނިވާވާ ގޮތަށް ހުންނަ ހެދުން ހެނދުނާއި ހަވީރު ލުން ހަމައެއާއިއެކު، މަދިރި ހެފުމުން (ރައްކާތެރިވުމަށް) ރެޕޭރެންޓް ކަހަލަ އެއްޗިހި އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ." ސަނާ ސަލީމް ވިދާޅުވިއެވެ.

އެޗް.ޕީ.އޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ އައިމިނަތު އަރޫޝާވެސް ވަނީ ޑެންގީ ފަދަ ބަލިތަކުގައި އެންމެ ބޮޑު ވަރުވާ މީހުންގެ ގޮތުގައި މާބަނޑު މީހުންނާއި ކުޑަކުދިންވެސް ހިމެނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ހުމާއި، ރޯގާއިން ރައްކާތެރިވުމަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، އަތް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން އަރޫޝާ ފާހަގަކުރެއްވިއެވެ.

ޢަރޫޝާ ވިދާޅުވީ، ޑެންގީއާއި، އަރުދަފުސް ރޯގާގެ އިތުރުން، އިންފްލުއެންޒަރއާއި ކޯވިޑްގެ ބައެއް ކޭސްތައްވެސް ރިޕޯޓްކުރެވެމުން އަންނަކަމަށެވެ. އެހެންކަމުން ހައިރިސްކު މީހުން އިންފްލުއެންޒަރއަށް ވެކްސިން ޖެހުމާއި، ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށްވެސް ޢަރޫޝާ ވިދާޅުވިއެވެ.

"ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމާއި، ވީހާވެސް ބޮޑަކަށް ގައި ދުރުކަން ބަހައްޓާއިގެން އުޅުމާއި، އޭގެ އިތުރުން އަތް ސާފު ކުރުން، ވަރަށް މުހިންމު. ދެން މީގެ އިތުރުން ފާހަގަކޮށްލަން ބޭނުންވޭ ހައި ރިސްކު މީހުން، ޗުއްޓީގައި އެކި ތަންތާ އުޅުމުގެ ތެރޭގައި ސަމާލުކަން ދޭންވީ އަރިދަފުސް ރޯގާ އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ." އަރޫޝާ ވިދާޅުވިއެވެ.

ޢާންމުކޮށްވެސް ޗުއްޓީއާއި ދިމާކޮށް ރާއްޖޭގައި ޢާންމު ރޯގާތައް އިތުރުވެއެވެ. ވުމާއިއެކު، މިފަދަ ކަންކަމަށް ސަމާލުކަންދީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ފަރުދީ ފެންވަރުގައި އެޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.