ދިވެހިންނަކީ ޒަމާނުއްސުރެ މާކަނޑުން ރޯދި ހޯދައިގެން ދިރިއުޅުން ހަމަޖައްސަމުން އައި ހީވާގި ބައެކެވެ. މަސްވެރިކަން ކުރިއަރަމުން ދިޔަދިޔަހެން އެއިން ނަފާ ހޯދޭނެ ގޮތްތައް ދިވެހިން އައީ ހޯދާ ދަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ކުޅަދާނަ މަސްވެރިން ތިބި، ގިނަ އަދަދަކަށް މަސް ބާނާ ޤައުމަކަށް ވެއްޖެއެވެ. މަސްވެރިކަން ފުޅާވެ، ބާނާ މަހުގެ އަދަދު އިތުރުވީއިރު މަސްވެރިންނަށް ކުރިމަތިލާންޖެހުނީ އެހެން ގޮންޖެހުމަކާއެވެ. މަސްވެރިން ބާނާ މަހުގެ އަދަދާ އެއްވަރަށް މަސްގަންނާނެ ވަސީލަތްތައް އިތުރުނުވީއެވެ. ފާއިތުވެދިޔަ ސަރުކާރުތަކުން މަސްގަންނަ ފެކްޓްރީތަކާ، މަސް ރައްކާކުރެވޭނެ ފެކްޓްރީތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ޙައްލެއް ހޯދައިދެވިފައެއް ނުވެއެވެ.
ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ވޭތުދިޔަ މާޒީގައި ވަރަށް ބޮޑަށް ކުރިއެރިއެވެ. ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރިއެރިއެވެ. އޮޑިދޯނިފަހަރާ މަސްވެރިކަމުގެ އާލާތްތަކަށް ޒަމާނީވެ މަސްވެރިކަން މެހުކަށް ޖެހިއެވެ. އެހެންނަމަވެސް މަސްވެރިން ބާނާ މަސްކޮޅަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތެއް ނުވިއެވެ. ޒަމާންވީ އެ މައްސަލައަށް މިސަރުކާރުން ވަނީ ބޮޑު ޙައްލެއް ގެނެސްދެއްވުމުގެ ބިޔަ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. މަސް ގަނެ ރައްކާކުރާ ކާރުޚާނާތައް އަޅައި، ކުރިން ހުރި ކާރުޚާނާތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. އޭގެތެރެއިން އެ ތަނަކީ އައްޑޫސިޓީ ހުޅުދޫގައިހުރި އައްޑޫ ފިޝަރިޒް ކޮމްޕްލެކްސްއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ނަމުގައި އައްޑޫ ސިޓީ ހުޅުދޫގައި 2014 ވަނަ އަހަރު މަސް ފެކްޓްރީއެއްގެ މަސައްކަތް އިފްތިތާހު ކުރެވުނެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެތަން ހުޅުވީ މުޅި މަޝްރޫޢު ނުވެސް ނިމެނީހެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އައްޑޫ ފިޝަރީޒް ކޮމްޕެކްސް ހުޅުވުމުން އެނގި ސާބިތުވީ މިއީ ސިޔާސީ މަންފާއަކަށްޓަކަށް ވީ ވަޢުދަކުން ހުޅުވި ތަނެއްކަމެވެ.
ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމާ ހަވާލުވެ ވަޑައިގެން އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް އަކީ މަސްވެރިންނަށް ނަފާވާ، ރައްޔިތުންނަށް ފައިދާވާ ތަނެއްކަމަށް ހެއްދެވިއެވެ. މިއީ މަސްވެރިން އަތުން މަސް ގަނެފ، މަސް ފިނިކޮށް، ރައްކާކުރުމަށް އުފައްދާފައިވާ ތަނެކެވެ. 1500 ޓަނުގެ މަސް މި ކޮމްޕްލެކްސްގައި ރައްކާކުރެވޭނެއެވެ. ރަސްމީކޮށް އައްޑޫ ފިޝަރީޒް ކޮމްޕެކްސްއަށް މަސް ގަންނަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
މިއީ ދެކުނުގެ މަސްވެރިކަމަށް ވަރަށް މުހިންމު ތަނެކެވެ. މިސަރުކާރުން އައްޑޫ ފިޝަރީޒް ކޮމްޕެލްކްސްގެ ތަރައްޤީއަށްވެސް މުހިންމު ކަންތައްތަކެއް ގެންދަވަނީ ހިންގަވަމުންނެވެ. ގަން އެއާޕޯޓް ތަރައްގީ ކުރަން ފެށުމުގެ ރަސްމިއްޔާތުގައި ދެކުނުގެ މަސްވެރިންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވީ އުފާވެރި ޚަބަރެކެވެ.
"އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ، 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް، އަންނަ ޖުލައި މަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓު މަހުގެ ތެރޭގައި، މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ." ރައީސް ވިދާޅުވިއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އަޕްގްރޭޑިންގެ މަސައްކަތްތަކާއި ގުޅޭގޮތުން އެ ކާރުޚާނާ ހިންގެވުމާ ހަވާލުވެހުންނެވި އެސިސްޓަންޓް ރީޛަނަލް މެނޭޖަރ، އަޙްމަދު ޝާހިދު ވިދާޅުވީ އެ ކޮމްޕްލެކްސް އަޕްގްރޭޑްކުރުމުގެ މަސައްކަތާއެކު މަސްގަންނަ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށެވެ. އެގޮތުން އެ މަޝްރޫޢޫއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"ފަންސާސް ޓަން އިތުރުކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. މިބައި އިތުރުކުރެވުނީމަ 120 ޓަނު ދުވާލަކު ނެގޭނެ. މިހާރު ޖުލައި މަހު ޕްރޮޖެކްޓް ފެށޭ ގޮތަށް ހުރިހާކަމެއް ތައްޔާރު." އަޙްމަދު ޝާހިދު ވިދާޅުވިއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއު ނިމެންވާއިރަށް ބޭނުންވާނެ މެޝިނަރީސް ގަތުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށް ދެއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ މުސްތަޤުބަލުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާނެ ތަނަކަށް ހެދުމަށް މުހިންމު ވިސްނުންތަކެއްގެ ދަށުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕެލްކްސްގެ ނަމުގައި ރާއްޖެއިން ބޭރަށް މަސް ބެރުކުރުމުގެ މަސައްކަތްތަކެއް ރޭވި އިންތިޒާމުކުރަމުން އެބަ ދެއެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަވެސް ލިބިފައި. ޔޫރަޕިއަން ޔޫނިއަންގެ ހުއްދަ ހޯދުމަށް ހުށަހަޅަން މި މަސައްކަތްކުރަނީ. އަޅުގަނޑުމެންގެ ސްޓޯރޭޖްވެސް މިވަގުތު ހުރީ ފުލްކޮށް. މިދިޔަ މަހުވެސް އަޅުގަނޑުމެން ބެލި އެމް.އެފް.ޑީ.އޭ ގެނެސްގެން އެ ހުއްދައަށް އެދެން. އެޕްލައި ކުރީމަ 45 ދުވަސްތެރޭގައި އެޕްރޫވަލް ލިބޭނެ". ޝާހިދު ވިދާޅުވިއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީވަމުން އަންނަ މިންވަރާ އަޅާބަލާއިރު މިވަގުތު އެންމެ ބޭނުންޖެހިފައިވަނީ ބަނދަރުގެ ޖާގަ އިތުރުކުރުމެވެ. ބަނދަރުގެ ނެރު ފުންކުރުމާއި ބަނދަރަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވިގެން ދިޔުމުން މަސްވެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެކަމެކެވެ.
"ބަނދަރު އަޅުގަނޑުމެންނަށް ވަރަށް މުހިންމު. މިހާރު އަޅުގަނޑުމެންގެ މަސައްކަތުގެ އޮޕަރޭޝަންއަށް ޓެކްނިކަލް ސިސްޓަމެއް ގެންގުޅޭއިރުވެސް ބަނދަރު ނެތީމަ އަޅުގަނޑުމެންނަށް ޖެހެނީ ވަގުތީ ޕައިޕް ލައިންތަކެއް އަޅައިގެން މިހާރުވެސް މަސައްކަތްކުރަމުން މިދަނީ. އެއީ މަސްގަތުމުގެ މަސައްކަތަށް ކޮންމެ ދުވަހަކުވެސް އެޅޭ ހުރަހަކަށް ވަނީ."ޝާހިދު ވިދާޅުވިއެވެ.
މި ބަނދަރުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ، މި ބަނދަރުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާއަށް ނިންމާ ހަވާލުކުރެވޭނެކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާވެސް އެބައޮތް އަޅުގަނޑުމެންނަށް އިންސްޓްރަކްޝަނެއް ދެއްވާފަ މިތަން އަވަސްކޮށް ނިންމަން. އައްޑޫއިން މަސް ބޭރުކުރެވޭނެ ނިޒާމްތައް އަވަހަށް ނިންމަން. އެގޮތުގެ މަތިން އަޅުގަނޑުމެން މިފްކޯއަށް ދަންނަވަން، ސެޕްތެމްބަރު މަސްތެރޭ އިރާދަކުރެއްވިއްޔާ އެތަނަށް ބޮޑެތި ބޯޓުފަހަރަށް ވަދެ މަސް ބޭރުކުރެވޭ މިންވަރަށް އަޅުގަނޑުމެން ނިންމާފަ ހަވާލުކުރާނަން." އާދަމް ޢާޒިމް ވިދާޅުވިއެވެ.
މަސްވެރި ދޯނިފަހަރުގެ ސައިޒު ބޮޑުވެ މަސްވެރިކަމަށް ނުކުންނަ އުޅަނދުފަހަރު މިއަދު އިތުރުވެއްޖެއެވެ. މަސްވެރިން ރެއާ ދުވާލު ދޭހާ އަތްވަކާ ވެހޭހާ ވާރެއެއްގައި މަސައްކަތްކުރަނީ ރަނގަޅު އާމްދަނީއެއް ހޯދުމަށެވެ. މަސްވެރިންގެ މި ބޭނުން ފުއްދައިދިނުމަށް ސަރުކާރުންވަނީ ރޭވުންތަކެއް ރާވާފައެވެ. ދެކުނުގެ މަސްވެރިކަމުގެ ހަބްކަމުގައިވާ އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް ތަރައްޤީކޮށް ނަފާ އިތުރުކުރުމަށް މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރެވެމުންނެވެ.
"އަޅުގަނޑުމެން ބަލަން އެއްވެސް ދޯންޏެއް ދޫނުކޮށްވޭތޯ. އަޅުގަނޑުމެންގެ ސްޓާފުންވެސް ވަރަށް މަސައްކަތްކުރާނެ އެކަމަށް. އަޅުގަނޑުމެންގެ ސްޓާފުން ހެނދުނު ހޭލާގޮތަށް ރޭގަނޑު ދޭއް ތިނެއް ޖަހަންދެންވެސް މަސްކިރަން އުޅޭނެ. މިދިޔަ މޭ މަހުވެސް 1300 ޓަނުގެ މަސް ގަނެފަވާނެ." އަޙްމަދު ޝާހިދު ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާއި، ޖާގަ ތަނަވަސް އިމާރާތަކާއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި މަސްދޯނިފަހަރަށް ލަފާ ފުރޭނެ ރަނގަޅު ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަކީވެސް އަދުގެ ސަރުކާރުން މަސައްކަތްކުރާކަމެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިން ގެންނަ ހުރިހާ މަހެއް އައްޑޫ ފިޝަރީޒް ކޮމްޕެލްކްސްއަށް ނެގުން. މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ މި މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.". ޝާހިދުގެ ވާހަކަފުޅު ނިމަވާލެއްވީ މުޅި ދެކުނުގެ މަސްވެރިންނަށް އުފާވެރި ޚަބަރަކާއެކުގައެވެ.
ކޮންމެއަކަސް އައްޑޫ ފިޝަރިޒް ކޮމްޕްލެކްސްއާއެކު ދެކުނުގެ މަސްވެރިކަމަށް ބޮޑު ބަދަލެއް ގެނުވާނެއެވެ. މަސްވެރިން ބާނާމަހަށް ހަމަ އަގު ލިބިގެންދާނެއެވެ. މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމް ފުރިހަމަވެގެންދާނެއެވެ.