ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި "ހިޔާ ޕާކު" ހުޅުވައިފި


  • މި ޕާކުގެ މަޤުޞަދަކީ ހިތްހަމަޖެހޭ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުން

  • މި ޕާކުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ޕްލާސްޓިކު ފުޅި ބޭނުންކުރުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައިވޭ

  • މި ތަނުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ

ހުޅުމާލޭގެ ދެވެނަ ފިޔަވަހީގައި ހިޔާ ޕާކުގެ ނަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީ.އިން ކުޑަކުދިންގެ އައު ޕާކެއް ހުޅުވާފިއެވެ. މި ޕާކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަސްޓޮޕް ސަރަހައްދުގައި ހުޅުވާފައިވާ ޕާކެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަސަށް ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅުން ބަދަލުކުރުމާއިއެކު، އެ ފިޔަވަހީގައި އަސާސީ ޚިދުމަތްތައް ދިނުމާއި، މުނިފޫހިފިލުވުމާއި، އެ ތަނުގެ ރައްޔިތުން ހިތްފަސޭހަކޮށްލުމަށްޓަކައި އެކި ތަންތަނާއި އިންތިޒާމްތައް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން މި ޕާކަކީވެސް ހުޅުމާލޭ ދެވަނަ ފިޔަވަހި، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި އުޅެލަން ހިތްހަމަޖެހޭ މާޙައުލަކަށް ހެދުމަށްޓަކައި ހުޅުވުނު ޕާކެއްކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޤައިސް ވިދާޅުވީ އެޗް.ޑީ.ސީގެ ބޭނުމަކީ ހުޅުމާލޭ ދެވެނަ ފިޔަވަހީގައި އުޅޭ ހުރިހާ ރައްޔިތުންނަށް އުޅެލަން ހިތްފަސޭހަ މާޙައުލަކަށް އެތައް ހެދުންކަމަށެވެ. އަދި މި ޕާކުތައް ތަރައްޤީކުރުމާއެކު، ޕާކުތައް އެންމެ ފުރިހަމަ ރީތި ގޮތުގައި ބޭއްވެނީ، ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަމަށްވެސް ޤައިސް ފާހަގަކުރެއްވިއެވެ.

މީގެއިތުރަށް، ޤައިސް ވަނީ ޕާކުގައި ކުރަހާފައިވާ ކުރެހުންތައް ހަޑިނުކޮށް ރީތިކޮށް ބެހެއްޓުމަށާއި، އަދި އިންދާފައިވާ ވިނަތަކަށްވެސް ގެއްލުންނުދިނުމަށް، ޕާކު ބޭނުންކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. ހަމައެހެންމެ، މި ޕާކަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ އަދި ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާ ޕާކެއް ކަމަށްވެސް ޤައިސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ (އާބަންކޯގެ) ބޭނުމަކީ ހުޅުމާލޭގެ އެންމެހާ ސަރަހައްދުތަކަކީ، މި ސަރަހައްދުތަކުގައި އުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަކަމާއިއެކު، އަރާމުގައި ހިތްހަމަޖެހިލާގެން ވަގުތު ހޭދަކުރެވޭނެ އުފާވެރި ސަރަހައްދުތަކަކަށް ހެދުން." އަޙްމަދު ޤައިސް ވިދާޅުވިއެވެ.

މި ޕާކާއި ގުޅޭގޮތުން ޢާންމުންގެ ބައެއް ފަރާތްތަކާއި ސުވާލުކޮށްލުމުން، އެ ފަރާތްތަކުންވެސް ވަނީ މިފަދަ ޕާކެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްވުމުގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި މިއީ ވަކިން ޚާއްސަކޮށް ތުއްތުކުދިންނަށް އާއިލާއާއެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ މާޙައުލެއްކަން އެފަރާތްތަކުން ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ މިފަދަ ޕާކެއް ލިބުނީމަ. އެހެންނޫންނަމަ އަޅުގަނޑުމެން އަބަދު ތިބެންޖެހޭނީ ގޭގައި. މިހާރު ޕާކެއް ލިބުނީމަ ބޭރަށްވެސް ނިކުމެ އުޅެލެވޭނެ." ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވި ފަރާތަކު ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ރައްކާތެރި ހިތްހަމަޖެހޭ އުފާވެރި މާޙައުލަކަށް ހުޅުމާލެ ހެދުމަށްޓަކައި، އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް މި ހުޅުވި ހިޔާ ޕާކަކީވެސް ހަމަ މި މަސައްކަތުގެ ދަށުން ހުޅުވި ޕާކެކެވެ. މިތަނުގައި ކުޑަކުދިންނަށް ކުޅިވަރުކުޅެވޭނެ ތަފާތު އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.