ޚަބަރު

މިނިވަންދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ


  • މިއަދު ހަވީރާއި، މިރޭ މާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރު ކުރިއަށްދާނެ

  • ޕެރޭޑް ކުރިއަށްދާ ވަގުތު މާލޭގެ މަގުތައް ބަންދުވާނީ ހަވީރު 15:00އިން 18:00 އަށް

  • ފުޅަނދުބުރަށް މަގުތައް ބަނދުވާނީ މިރޭ 19:00އިން ފެށިގެން ހަރަކާތް ނިމެންދެން

މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން މިއަދާ މިރޭގެ ބައެއް ވަގުތުތަކުގައި މާލޭގެ ބައެއް މަގުތައް ބަންދުވާނޭ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހާމާކުރައްވާފައިވާ ގޮތުން މިއަދު ހަވީރާއި، މިރޭ މާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާތީ، ހަވީރު 15:00އިން 18:00 އަށް އަދި 19:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ބައެއް މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ. އަދި މެންދުރު ފަހު 14:00އިން ފެށިގެން ހަރަކާތްތައް ނިމެންދެން އެއްނަމްބަރު ފާލަން ހިމެނޭ ކަނޑުގެ ސަރަހއްދުވެސް ކަނޑު ދަތުރުތަކަށް ބަންދުވާނެއެވެ. ފުލުހުންވަނީ އެއްގަމު ދަތުރާއި ކަނޑު ދަތުރަށް ބަންދުވާ ސަރަަހައްދުތަކާއި ގަޑިތައް އެނގޭނެ ޗާޓެެއްވެސް އާއްމުކުރައްވާފައެވެ.

މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕެރޭޑާއި ރޫޓް މާޗް މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ކުރިއަށްދާނެއެވެ. ފުލުހުންވަނީ މިގަޑިތަކުގައި މިސަރައްދު އެއްގަމު ދަތުރުތަކަށް ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޕެރޭޑް ހުއްޓާ ސަރަހައްދުތައް:

* ބޮޑުތަކުރުފާނު މަގު އިއްޒުއްދީން ފާލަން ކުރިމަތި
* ސޯސަންމަގު/ ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
* މަޖީދީމަގު/ ޗާނދަނީމަގު ހަތަރު އަނގޮޅި
* މަޖީދީމަގު/ މިލިއަން ބުކުޝޮޕް ކުރިމަތި
* ބޮޑުތަކުރުފާނުމަގު/ ކަޅުތުއްކަލާކޮށި ހުޅަނގު އުތުރުކަންމަތި

ރޫޓު މާޗް ހުއްޓާ ސަރަހައްދުތައް:

* ބޮޑުތަކުރުފާނު މަގު އިއްޒުއްދީން ފާލަން ކުރިމަތި
* ސޯސަންމަގު/ ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
* މަޖީދީމަގު / އޮލިމްޕަސް ކުރިމަތި
* މަޖީދީމަގު/ މާލެ ގްރޭންޑް ކުރިމަތި
* ޗާނދަނީމަގު/ ދާރުލްއާސާރުކުރިމަތި


މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދު މާލޭ ބޮޑެތިމަގުތަކުގައި މިރޭ 8:30އިން ފެށިގެން ކުރިއަށްދާނެއެވެ.