އަމީނީ މަގުގެ ސެގްމަންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާނީ މޫސުން ރަނގަޅުވުމުންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނެފިއެވެ.
އަމީނީ މަގުގެ ސެގްމަންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް ފަށަން ކުރިން ތާވަލުކޮށްފައި އޮތީ މިއަދުއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނީ އަމީނީ މަގުގެ ސެގްމަންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް ލަސްވެފައިވަނީ މާލެ ސަރަޙައްދަށް މޫސުން ގޯސްކޮށް އުޅޭތީކަމަށެވެ. އާރުޑީސީން ބުނީ ތާރު ފަށަލަ އެޅުން ފިޔަވައި، އެމަގުގެ އެހެން މަސައްކަތްތައް ނިމިފައިވާކަމަށެވެ.
އަމީނީ މަގު ޒަމާނީ ފެންވަަރަކަށް ހެދުމަށް މިދިޔަ އޮގަސްޓްމަހު ފެށި މަޝްރުޢޫގެ ބޮޑު ބައެއް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ލަބޮންގް ސްކޫލާ ހަމައިން ފަށައިގެން، އިސްކަންދަރުކޮށްޓާއި ހަމައަށް ކުރިއަށްދާ ސެގްމަންޓް 8 އަދި 9 ގެ މަސައްކަތެވެ.
އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލުމަށްފަހު މިހާރު ކުރިއަށް ދަނީ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް. އަދި ސެގްމެންޓް 9 ގައި ދުވާރުގެ މަސައްކަތާއި ހޮޅި އެޅުމުގެ މަސައްކަތް ދަނީ ކުރަމުން. #TeamRDC pic.twitter.com/mGQ0ppJNQj
— Road Development Corporation Ltd (@rdcmaldives) July 29, 2023
މި މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. މި ދެ ސެގްމަންޓްގައި މިހާރު ނުނިމި އޮތީ ތާރު ފަށަލަ އެޅުމުގެ މަސައްކަތްކަމަށާއި، އެ މަސައްކަތްވެސް ފަށަންވެސް ތައްޔާރުވެފައިވާކަމަށް އާރުޑީސީން ބުނެއެވެ.
އާރުޑީސީން ބުނީ ތާރު އެޅުން ކުރިއަށްގެންދެވޭނީ މޫސުން ރަނގަޅުވުމުންކަމަށްވާތީ، މޫސުން ރަނގަޅުވިހާ އަވަހަކަށް ދެ ސެގްމަންޓްގައިވެސް ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ،
މިހާރު އެ ސަރަހައްދުގައި އާރުޑީސީން ކުރިއަށް ގެންދަނީ އޭބީސީ ލޭޔަރ ކޮމްޕެކްޓް ކުރުމާއި، އަދި ދުވާރުގެ އަޑީގައި އަޅާ ހޮޅިތައް އެޅުމުގެ ބައެއް މަސައްކަތްކެވެ. މިއީ މާލޭގެ ސްކޫލްތަކަކާއި ގިނަ އޮފީސްތަކެއް ހުންނަ ބާރުބޮޑު ސަރަހައްދަކަށްވުމުން އާރުޑީސީން ބުނީ 8 އަދި 9ވަނަ ސެގްމަންޓްގެ މަސައްކަތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އާއްމުންނަށް އޭގެ ތަކުލީފު ވީހާވެސް ކުޑަވާނެގޮތަށް، އެކި ހިސާބުތަކަށް ބަހަލާއިގެންނެވެ. މި ޕްރޮޖެކްޓްގައި މިހާތަނަށް ނިމުނު 7 ސެގްމަންޓްގައިވެސް ތާރު އަޅާ ނިމުމާއިއެކު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާއްމުންނަށް ބޭނުންކުރަން ހުޅުވާލާފައިވެއެވެ. އެގޮތުން މަގު ހުޅުވާލާފައިވަނީ މަގު ބައްތި ހަރުކޮށް، ޓްރެފިކް ނިޝާންތައް ޖަހާ، ކުރެހުމަށްފަހުގައެވެ.
އަމީނީ މަގުގައި ބާކީ ހިމެނެނީ 4 ސެގްމަންޓްގެ މަސައްކަތެވެ. އާރްޑީސީން ދަނީ މި މަގުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނާ ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.