ޚަބަރު

ގޮއިދޫ އިންޖީނުގެއާއި ކަނޑިތީމު ފެނުގެ މަޝްރޫޢުގެ ނިމުން އިފްތިތާޙުކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ، ގޮއިދޫ ފެނަކަ އައު އިންޖީނުގެ އޮފީސް ހުޅުއްވައިދެއްވައި، އެ އަތޮޅު ކަނޑިތީމު ފެނުގެ މަޝްރޫޢު ގެ ނިމުން އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގޮއިދޫ ފެނަކަ އައު އިންޖީނުގޭގެ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، ކަނޑިތީމު ފެނުގެ މަޝްރޫޢުގެ ނިމުން އިފްތިތާޙްކޮށްދެއްވީ، މިހާރު އެމަނިކުފާނު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.

ގޮއިދޫ ފެނަކަ އިންޖީނުގޭގެ އައު އޮފީހަކީ، ދަތި ނުވެ 10 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. ކުރިން އަވަށު މެދުގައި ހުރި 18 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ބިނާކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. އައު އިންޖީނުގޭގައި 4 ޖެންސެޓް ބަހައްޓާފައިވާއިރު މިހާރުގެ ކެޕޭސިޓީއަކީ، 648ކިލޯވޮޓްއެވެ. ފެނަކަ އިންޖީނުގެއާ އޮފީސް ހުޅުއްވައި ދެއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގޮއިދޫކަރަންޓްގެ ވިއުގަވެސް އިފްތިތާޙްކޮށްދެއްވާފައެވެ.

ށ. ކަނޑިތީމުގެ ފެނުގެ ނިޒާމަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން އާރް.އޯ ޕްލާންޓް ބަހައްޓާއި އިދާރީ އޮފީސް އިމާރާތް ވަނީ ހަދާފައެވެ. އަދި ގޭގެއަށް ކަނެކްޝަން ގުޅާ، މީޓަރު ބެހެއްޓުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމި ފެނުގެ ޚިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

މި ޕްރޮޖެކްޓްގެ ޢަަމަލީ މަސައްކަތް ފެށީ 2019ވަނަ އަހަރުއެވެ. މިއީ 17.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.