ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ހިތުގެ ބަލިތަކުގެ ފަރުވާ ފަށަނީ


  • ހިތުގެ ބަލިތަކުގެ ފަރުވާ އުނގޫރާފު ހޮސްޕިޓަލުގައި ފަށާނީ އަންނަ އާދިއްތަ ދުވަހު

  • މިއީ އެ ހޮސްޕިޓަލުގައި މުޅިން އަލަށް ފަށާ ޚިދުމަތެއް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާ ދޭން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތަކަކީ މާލެއިން ލިބޭ ޚިދުމަތްތައް އަތޮޅުތަކުގައި ހުރި މަތީ ފެންވަރުގެ ހޮސްޕިޓަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. ޞިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށް އެޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެންނެވުމެވެ. އެގޮތުން މާލެއިން އުތުރުގައި އެންމެ ގިނަ ޚިދުމަތްތަކެއް ދޭ އަދި މި ސަރުކާރުގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް ކުރިއަރަމުން އަންނަ އެއް ހޮސްޕިޓަލަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދާދިފަހުން އިތުރުކުރި އައު ޢިމާރާތާއެކު ޚިދުމަތްތައް ފުޅާކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން އެ ހޮސްޕިޓަލުގައި ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މިއީ މިފަދަ ސަބް ސްޕެޝަލިސްޓް ޚިދުމަތެއް އެހޮސްޕިޓަލުގައި ފެށިގެންދާ ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ފެށުމަށްޓަކާ ކާޑިއޮލޮޖިސްޓް މިހާރު ވަނީ ހޮސްޕިޓަލުގެ ޚިދުމަތާއި ގުޅިވަޑައިގެންފައެވެ.

ޕީއެސްމްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ހަސަން ފަޒީލް ވިދާޅުވީ، އުނގޫފާރު ހޮސްޕިޓަލުގައި ކާޑިއޮލޮޖީގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެއެވެ. މިފަދަ ޚިދުމަތެއް ފެށުމަކީ ހޮސްޕިޓަލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އަލަށް މި ފެށޭ ޚިދުމަތާއެކީ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަޒީލް ވިދާޅުވީ، 2022 ވަނަ އަހަރުގެ އަދަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 30 މީހުން ކާޑިއޮލޮޖިސްޓެއްގެ ޚިދުމަތް ހޯދުމަށް މާލެ ފޮނުވަން ޖެހުނުކަމަށެއެވެ. މިފަދަ މުހިންމު ޚިދުމަތްތައް ފެށުމަކީ ރައްޔިތުން އަމިއްލަ ރަށުގައި ތިބެގެން ކުޑަ އަގެއްގައި ދަތުރުކޮށް މި ޚިދުމަތް ހޯދުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަން ފަޒީލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރުގެ ސްޓެޓިސްޓިކްސްތަކަށް ބަލާއިރު ގާތްގަނޑަކަށް 30 ހަކަށް ޕޭޝަންޓުން މާލެ ފޮނުވާލަން ޖެހުނު މި ޚިދުމަތް ހޯދުމަށް. އެހެންވީމަ މިފަދަ ޚިދުމަތެއް ހޮސްޕިޓަލުގައި ފެށުމަކީ އެތައް ގޮތަކުން ލުއިފަސޭހަ ވެގެންދާނެކަމެއް" ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިތުރު ޚިދުމަތްތައްވެސް އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އޭގެ ތެރޭގައި އިކޯކާޑިއޯގްރާމްގެ ޚިދުމަތާއި، އެމް.އާރު.އައި ޚިދުމަތް ފެށުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ. އަދި ޓްރޯމާ ސާރޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށް ފަޒީލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒީލް ވިދާޅުވީ، އުނގޫފާރު ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާއި މަޢުލޫމާތު ސާފުކުރުމަށް 24 ގަޑިއިރު ޚިދުމަތް ދޭ ކޯލް ސެންޓަރެއް މިހާރު ޤާއިމްކޮށްފައިވާކަމަށެއެވެ. އެގޮތުން 1553 ކޯލް ސެންޓަރ މެދުވެރިކޮށް ފަސޭހަކަމާއެކު މަޢުލޫމާތު ސާފުކުރެވޭނެކަމަށް ފަޒީލް ވިދާޅުވިއެވެ.

އުނގުފާރު ރީޖަނަލް ހޮސްޕިޓަލުން މި 5 އަހަރުގެ ތެރޭގައި ޤާއިމްކުރެވުނު މުހިންމު ޚިދުމަތްތަކަކީ މިއަދު ރައްޔިތުންނަށް އެކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދިޔަ ޚިދުމަތްތަކެކެވެ. އެގޮތުން އެހޮސްޕިޓަލުން އަލަށް ފަށްޓަވައިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، މެމޯގްރަފީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ފުޅާކުރައްވައިފައެވެ.