ސާފުބޯފެނާއި ރައްކަތެރި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްޤެކެވެ. މިހާތަނަށް އައިއިރުވެސް މި ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކޮށްފައެއް ނެތްނަމަވެސް، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް މިސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ރަށްރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމާ ގުޅިގެން އެ ފެން ބޭނުން ނުކުރެވޭ ހާލަތަށްގޮސްފައިވާ ކިތަންމެ ރަށެއް އެބައޮތެވެ. އެގޮތުން އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ގޯތިތެރޭގައި ޖަންގްޝަންތައް ހަދާ ފެން ހިންދުމުގައި ރައްޔިތުން ދިޔައީ ބޮޑެތި ތަކުލީފުތައް އުފުލަމުންނެވެ. އެހެންނަމަވެސް މިއަދު އެ ހާލަތް ވަނީ މާޒީއަށް ގޮސްފައެވެ. ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފައި ވާއިރު، ގިނަ ރަށްތަކެއްގައި އެ މަސައްކަތް ނިންމާ މިހާރު ވަނީ ޚިދުމަތްދޭން ފަށާފައެވެ. މިގޮތުން ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ އެއް ރަށަކީ ހައްދުންމަތީ ހިތަދޫއެވެ.
ހިތަދޫގައި ޒަމާނުއްސުރެ ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ ސަަބަބުން ރައްޔިތުން އައީ ގޯތިތެރޭގައި ޖަންގްޝަންތައް ހަދާ ފެންހިންދަމުންނެވެ. އަދި އެ ޖަންގްޝަންތައް ފުރުމުގެ ސަަބަބުން އެ ސާފުކުރުމަކީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާކަމެކެވެ. ފެންވެރުމަށާއި އެހެނިހެން ކަންކަން ކުުރުމަށް ބޭނުންކުރާ ފެނުގެ ސާފުކަމާއި ރައްކާތެރިކަމާމެދު ރައްޔިތުންގެ ހިތުގައި އޮތީ ސުވާލު އުފެދިފައެވެ. ނަމަވެސް ސަރުކާރުން އެރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމާއެކު ރައްޔިތުންނަށް ވަނީ އުންމީދެއް ލިބިގެންގޮސްފައެވެ.
1290 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ލ އަތޮޅު ހިތަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ އަމިއްލަ ކުންފުންޔެއް ކަމަށްވާ މާކްޓެކް މޯލްޑިވްސްއާ ހަވާލް ކޮއްގެންނެވެ. މި މަޝަރޫ އަކީ ސަރުކާރުން 69 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮއްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ލ. ހިތަދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިމަޝްރޫގެ ދަށުން އެރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކާ އަޅަންޖެހޭ ޕްލާންޓްރޫމް ޢިމާރާތުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ޕަންޕް ސްޓޭޝަން ތަކުގެ ކޮންކްރިޓް މަސައްކަތްވެސް މިހާރު ނިމިފައި ވާއިރު، ހައުސިން ކަނެކްޝަންގައި ގޭގޭގައި ކުދި ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫން ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ހަވާލުކުރި މުއްދަތު ފަހަނައަޅައި ދިޔަ އިރުގައިވެސް މަސައްކަތް ނިމިފައި ނުވާކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިމި ޚިދުމަތް ރައްޔިތުންނަށް ލިބިގެން ދިއުންކަމަށެވެ.
"ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ސރުކާރުން ހަވާލްކުރި މުއްދަތު ފަހަނައަޅައި ގޮސްފަ މިހާރު އެއޮތީ އަދިވެސް މަސައްކަތް ނުނިމޭ. މިހާރު އެކަމް ގިނަ ގޭގޭގައި މިހާރު ކުދި ޖަންކްޝަންތައް ބަހަށްޓާފަ ހުރީ. ދެން މިހާރު ކުރަން ހުންނާނީ މަގު ކޮނުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް. އުންމީދަކީ ވީހާވެސ އަވަހަށް މަސައްކަތް ނިންމާ ޚިދުމަތް ލިބިގެން ދިއުން" ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްއޫން ވިދާޅުވިއެވެ.
ދަނޑުވެރިކަންވެސް ކުރަމުންއަންނަ ހިތަދޫގައި ސަރުކާރުން ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމު ނިމި ޚިދުމަތް ލިބެންފެށުމުން ރަށުގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ލޯކަލް ޓޫރިޒަމްފަދަ ދާއިރާތަކަށް ޒުވާނުން ވަދެ އެ ޚިދުމަތް އެރަށުގައި ފެށިގެން ދާނެކަމަށް އުންމީދުކުރެވޭކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.