ޚަބަރު

ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމަށް ބިންހިއްކަން އެމްޓީސީސީއަށް


  • މި މަޝްރޫއުގެ ދަށުން އެއަރޕޯޓަށް ބޭނުންވާ 56.83 ހެކްޓާރ ބިން ހިއްކާނެ

  • 4433 މީޓާރގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖަހާ ގޮނޑުދޮށް ހިމާޔަތް ކުރާނެ

  • މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 900 ދުވަހުން ނިންމާގޮތަށް

  • މި މަޝްރޫޢަށް 389.77 މިލިއަން ރުފިޔާ ޚަރަދުވާނެ

ލ.ކައްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިފިއެވެ.

ލ.ކައްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 56.83 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި 4433 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހައި އެތަން ހިމާޔަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

ލ.ކައްދޫގައި އިންޓަރނޭޝަނަލް އެއަރފޯޓެއް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2.4 ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަރނޭޝަނަލް ޕެސެންޖެރ ޓާރމިނަލަކާއި އެހެނިހެން ވަސީލައްތައް ގާއިމްކުރެވޭނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 900 ދުވަހުން ނިންމާގޮތަށެވެ. އެއީ ބިން ހިއްކުމަށް 300 ދުވަހާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުމަށް 600 ދުވަހެއެވެ. މި މަޝްރޫޢަށް 389.77 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ހަވާލުކުރެއްވުމަށް މިނިސްޓްރީ އޮފް އެކޮނިމިކް ޑިވެލޮޕްމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ.

1986 ވަނަ އަހަރު ހުޅުވުނު ކައްދޫ އެއަރޕޯޓަކީ ރާއްޖޭގައި ހުޅުވި ތިންވަނަ އެއަރޕޯޓެވެ. އިސްކަންދަރު ވައިގެ މަރުކަޒުގެ ނަމުގައި 1 ސެޕްޓެމްބަރުން 2015 އިން ފެށިގެން ކައްދޫ އެއަރޕޯޓް ވަނީ އަސްކަރީ އެއަރޕޯޓަކަށް ބަދަލުކުރައްވާފައެވެ. ކައްދޫ އެއަރޕޯޓަކީ ހިންގަނީ ޑިފެންސް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުންނެވެ.