ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ނ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާނަން: ރައީސް


  • އާރްޓީއެލްގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ހއ، ހދ، ށ، ޅ، ގއ، ގދ ގައި

  • މިއީ ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް ފެރީގެ މިސްރާބު މިހާރު ހުރީ ނ.އަތޮޅަށްކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ނ.އަތޮޅުގައި އެ ޚިދުމަތްދޭން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސި އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ނ.ޅޮހީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނ.ޅޮހީގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މުޅި ރާއްޖެ ގުޅުވައިދޭނެ އާރުޓީއެލް ފެރީން ބޮޑު ތިލަދުންމައްޗާއި ހުވަދު އަތޮޅަށް ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށެވެ. މިއާއެކު ފެރީ ނިޒާމުގެ މިސްރާބު މިހާރު ހުރީ ނ. އަތޮޅު ބަދަލުކޮށްލުމާ ދިމާލަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ އަތޮޅުގައި ފެރީގެ ޚިދުމަތް ފަށްޓަވާނެކަމަށާއި، ޚިދުމަތް ފެށުމަށްޓަކައި މިހާރު އެ އަތޮޅަށް ފެރީތައް ބަނުމަށް ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އާރްޓީއެލް ފެރީގެ ނިޒާމާ އެކު ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް މި ރަށްތަކަށް ލިބިގެންދާނެ. ހިތްހަމަޖެހިގެން ދަތުރު ކުރެވޭ ވަރުގެ ލޯންޗުތަކެއް މި ހޯދައިދެނީ. ނ. އަތޮޅަށް ބޮޑު ބަދަލެއް އަންނަ ތަން ފެނިގެންދާނެ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި އެމަނިކުފާނު ވަނީ ދެވަނަ ދައުރުގައި ޅޮހީގެ ރައްޔިތުންނަށް ކޮށްދެއްވާނެކަންތައް ހާމަކުރައްވާފައެވެ. އެގޮތުން ގިރާސަރަަހައްދު ހިމާޔަތްކުރުމާއި ޓޫރިސްޓުންނަށް ވަކި ބީޗެއް ހެދުމާއި، ހެލްތު ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީއެއް ގާއިމްކުރުން ހިމެނެއެވެ. އަދި އެރަށު ސްކޫލްގައި މަލްޓިޕާޕަސް ހޯލާއި ރިސޯސް ރޫމްތައް ގާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނ.ޅޮއްސަށް ވަޑައިގަތުމަށްފަހު ރައީސް ދެންވަޑައިގެންނެވީ އެ އަތޮޅު މިލަންދޫއަށެވެ. މިލަންދޫއަށްވެސް 2 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ކޮށްދެއްވާނެކަންތައްތައް ރައްޔިތުންނާ ހިއްސާ ކުރެއްވިއެވެ. އެގޮތުން އެރަށު ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމާއި، އެރަށު ބޮޑެތި މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއާއި، ސްޕޯޓްސް ކޮމްޕްލެކްސެއް އަޅުއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.