ދ. ކުޑަހުވަދޫ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެއެވެ.
ކުޑަހުވަދޫ ބަނދަރު ތަރައްްޤީކުރުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޑަހުވަދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކުރެއްވީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 89.9 މިލިއަން ރުފިޔާއަށެވެ.
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ.
ކުޑަހުވަދޫ ބަނދަރު ތަރައްްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން އެރަށުގެ އުތުރުފަރާތު ބަނދަރުގައި 176 މީޓަރުގެ ބޭރުތޮށިލުން ކުރިއަށްދާނެއެވެ. އަދި ބޮޑު ހިލައިގެ ބޭރު ތޮށި 312 މީޓަރަށް އިތުރު ކުރުމުގެ އިތުރުން، 90 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ސަރުކާރުން ބުނީ މި މަޝްރޫޢުގެ ދަށުން ބަނދަރުގައި ފައްތިޔާ ގާއިމްކުރުމާއި ބޭރުތޮއްޓަށް އެރޭނެގޮތަށް ކޮންކްރީޓް ބްރިޖެއް ހެދުން ހިމެނެއެވެ.
ކުޑަހުވަދޫއަކީ މަސްވެރިކަން ކުރާ ރަށެއްގެ އިތުރުން، ބޭސްފަރުވާއާއި އެނޫންވެސް ބޭނުންތަކަށް ގިނަ އަދަދެއްގެ ބަޔަކު އަންނަ ރަށެއްކަމުން، ރަށުގެ ބަނދަރަކީ ގިނަ އަދަދަކަށް ކަންނެލި އޮޑި ފަހަރުތަކާއި ލޯންޗު އަދި ޑިންގީތައް އަޅާ ބަނދަރެކެވެ.
ކުޑަހުވަދޫ ކައުންސިލުން ވިދާޅުވީ މިހާރު ބޭނުން ކުރާ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރުމުން ދޯނިތައް ފަޅުގައި އަޅާފައި ބާއްވަން ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށާއި ރައްޔިތުންނާއި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީވެސް ބަނދަރުގެ ޖާގައިގެ ދަތިކަންކަމަށެވެ.
"ބަނދަރުގެ ޖާގައިގެ ދަތިކަން އެންމެ ބޮޑައް ދިމާވަނީ. މި ރަށުގެ އިތުރުން އެހެން ރައްރަށުގެ ދޯނި ތައް އެބަ އާދޭ. މިހެން އައްނައިރު ގިނަ ފަހަރަށް ޖާގައެއް ނުހުރޭ. ޖާގަ ލިބުނަސް މި ލިބޭނީ ވަރަށް ދަތި ގޮތަކަށް" ކައުންސިލުން ވިދާޅުވިއެވެ.
ކުޑަހުވަދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިއުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ ދޯނިތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެޓީއާއި ގާތް ކުރެވި، ރަށަށް އަރާފައިބާ ފަރާތްތަކަށް ލުއިފަސޭހަކަން ލިބިގެން ދާނެކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.