ޚަބަރު

އޮމަދުއާއި، މާކުރަތުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް އެމްޓީސީސީއަށް


  • އޮމަދޫ ގޮނޑުދޮށް ޙިމާޔަތްކުރުން 180 ދުވަސްތެރޭ ނިންމާނެ

  • މާކުރަތުގެ ގޮނޑުދޮށް ހިމާޔަތް ކުރުން 150 ދުވަސްތެރޭ ނިންމާނެ

  • މިއީ ޒަމާނުއްސުރެ އެރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު އަންނާނެކަމެއް

އދ. އޮމަދޫއާއި ރ. މާކުރަތަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެއެވެ. އޮމަދޫއާއި މާކުރަތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އދ.އޮމަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކުރެއްވީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 10.08 މިލިއަން ރުފިޔާއަށެވެ. އަދި މާކުރަތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލު ކުރީ 12.12 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ މަސައްކަތް ނިންމާގޮތަށެއެވެ.

އެއްހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ އޮމަދޫ ރައްޔިތުން ޢާއްމު ގޮތެއްގައި ކުރާ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. އަދި މި ރަށަކީ ލޯކަލް ޓޫރިޒަމްވެސް ފުޅާ ދާއިރާއެއްގައި ތަރައްގީ ވަމުން އަންނަ ރަށެކެވެ. މިގޮތުން، 14 ގެސްޓް ހައުސް މި ރަށުގައި މިހާރުވެސް ހުރެއެވެ. ޒަމާނުއްސުރެ އެރަށަށް ދިމާވެފައިވާ ރަށްގިރުމަކީ އެރަށުގެ ރައްޔިތުން ހައްލެއް ބޭނުންވެފައިވާ މައްސަލައެވެ. ރާށްގިރުމުގެ މައްސަލައާއި ގުޅިގެން އޮމަދޫގެ އަތިރިމަތިން ބޮޑު ސަރަހައްދެއް ގިރައި، ރުއްގަސްވެއްޓި ރަށުގެ މަލަމަތި ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާާޅުވެއެވެ. އަދި މިކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށްވެސް އަސަރުކުރާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ނަމަވެސް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ރަށްގިރުމުގެ މައްސަލައަށް ބޮޑު ޙައްލެއް އަންނާނެއެވެ. މިއާއެކު ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް އޮމަދޫ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.



ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާއި މަސައްކަތް ހަވާލުކުރި އަނެއް ރަށަކީ 1300އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރ. މާކުރަތެވެ. މާކުރަތުގެ ރައްގިރުމުގެ މައްސަލަ ހައްލުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 5579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބެކްފިލިން މަސައްކަތާއި، 317 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ރަށް ގިރުމުގެ ސަބަބުން މާކުރަތުގެ ހުޅަނގު ފަރާތު ގޮނޑުދޮށުން ބޮޑުބަޔެއްވަނީ މިހާރުވެސް ގިރައިގެން ގޮސްފައެވެ.

މާކުރަތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށް ގިރުމުގެ ނުރައްކަލުން އެރަށް ހިމާޔަތްކުރެވޭނެއެވެ. އަދި، ރާޅުއެރުމާއި އުދައެރުން ފަދަ ޤުދުރަތީ ކާރިސާތަކުންވެސް ރަށު ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެންދާނެކަމަށް މާކުރަތު ކައުންސިލުން ފާހަގަކުރައްވައެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެރަށުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ.