ޚަބަރު

ގްރީން ޓެކްސްގެ %50 އަތޮޅު ކައުންސިލްތަކަށް ލިބޭގޮތް ހަދާނަން: އިލްޔާސް


  • ޓޫރިޒަމް ދާއިރާއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައި

  • ގްރީން ޓެކްސްގެ ދެބައިކުޅަ އެއްބައި އަތޮޅު ކައުންސިލަށް

  • ޓޫރިޒަމް ވިޔަފާރިއަށް ވަންނަން ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން

ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް އިއްޔެ ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ވެލިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރިޔާސީ ކެނޑިޑޭޓް އިލްޔާސް ވިދާޅުވީ، އެ އަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ އަގުބޮޑު ރިސޯޓުތައް ހިންގަމުން އަންނަ އެއް އަތޮޅުކަމަށެވެ. އިލްޔާސް ވިދާޅުވީ، އަތޮޅުތަކުގެ ރަށްތައް ކުރިއަރާ ތަރައްޤީވާނީ އެރަށެއްގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންކަމަށެވެ. އެހެންކަމުން ޑިމޮކްރެޓުންގެ ސަރުކާރެއްގައި އަތޮޅުތަކުގެ ރިސޯޓުތަކުން ދައުލަތަށް ދައްކާ ގްރީން ޓެކުހުގެ 50 އިންސައްތަ އެ އަތޮޅު ކައުންސިލަކަށް ލިބޭގޮތަށް ހަމަޖައްސަވާނެކަމަށެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ނިންމެވި ނިންމެވުމަށްކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އަތޮޅުގަ މިހިރަ ރިސޯޓުތައް، މިއީ ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ހައިއެންޑު ރިސޯޓުތައް ހުރި އަތޮޅު. އަޅުގަންޑުމެން މިއަންނަނީ މި ހުރިހާ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސްގެ 50 އިންސައްތަ މި އަތޮޅުގެ އަތޮޅު ކައުންސިލަށް ދިނުމަށްޓަކާ " އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ވަނީީ އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓާލައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޑައިވް ސެންޓަރާއި، ގެސްޓްހައުސް ފަދަ ވިޔަފާރިއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. މީގެއިތުރުން މުދަލާ ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ 8% އިން 6% އައް ތިރިކުރާނެކަމަށްވެސް އިލްޔާސް ވަޢުދުވެވަޑައިގެންނެވިއެވެ.