ރައްކާތެރި ބޯފެނާއި ނަރުދަމާއަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްގެކެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިދެ ޚިދުމަތްވެސް ރައްކާތެރިގޮތުގައި ލިބެން ނެތުމެވެ. އެފަދަ އެއް ރަށަކީ ހދ. ކުމުންދޫއެވެ.
ހދ. ކުމުންދޫއަށް ކުރިމަތިވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައެވެ. މި މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާއިރު މި މަޝްރޫޢަށް ރައްޔިތުން ވަރަށް ބޮޑަށް އިންތިޒާރުކުރާކަން ކައުންސިލުން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ، ކުމުންދޫ ރައްޔިތުން ފެންވަރަމުން އައީ ކިސަޑުފެނުންކަމަށެވެ. ކައްކާ ކައިބޮއެ ހެދުމަށާއި ފެންވަރާ ހެދުމަށް ރައްކާތެރި ނޫންފެން ބޭނުންކުރަމުން އައި ދުވަސްތައް މާޒީވުމާއި ގާތްވަމުންދާތީ ރަށު ރައްޔިތުން ހިތްހަމަޖެހިފައި ތިބިކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި އުއްމީދަކީ މަސައްކަތް ނިމި ޚިދުމަތް ވީހާވެސް އަވަހަކަށް ލިބުންކަން ކައުންސިލުން ފާހަގަކުރައްވައެވެ.
"މިއީ އަސާސީ ޙައްގެއް ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ، އެހެންނަމަވެސް އެކަން ނެތި ވަރަށް ޙާލުގައި ރައްޔިތުން އުޅެމުންދިޔައީ، މަސައްކަތް މިހާރު ކުރިއަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުން. މީގެކުރިން އަސްލު ރައްޔިތުން ފެންވަރަމުން އައީ ކިސަޑު ފެނުން. ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ މިމަޝްރޫޢު ވީހާވެސް އަވަހަކަށް ނިމިގެންދިޔުން." އަމީން ވިދާޅުވިއެވެ.
ކުމުންދޫ ފެނާއި ނަރުދަމާ މަޝްރޫޢު އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 102 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައްޓާ، ރަށުގެ ހުރިހާ ގޭބިސީއަކަށް ފެން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ދަށުން ވަޅުލަންޖެހޭ ހުރިހާ ހޮޅިއެއް މިހާރުވަނީ ވަޅުލާ ނިމިފައިކަމަށް ކައުންސިލުން ވިދާޅުވެއެވެ.
1400 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫގައި ރައްކާތެރި ފެނާއި ނަރުދަމާއެއް ނެތުމުގެ ސަބަބުން މިރަށުގެ ރައްޔިތުން ބޭނުންކުރަމުން ދަނީ ތަޣައްޔަރުވެފައިވާ ފެނެއެވެ. އަދި ނަރުދަމާ ނެތުމުގެ ސަބަބުން ގޯތި ތެރޭގައި ހުންނަ ޖަންގްޝަންތައް ފުރިގެން ނަޖިސް ބޭރުވުމުގެ މައްސަލައަކީ ކުމުންދޫ ރައްޔިތުން އުފުލަމުންދާ ތަކުލީފެކެވެ. އެހެންނަމަވެސް ކުމުންދޫގައި ޤާއިމުކުރާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިގެންދާއިރު، މިހުރިހާ މައްސަލައަކަށްވެސް ޙައްލު އަންނާނެކަމަށް ކުމުންދޫ ރައްޔިތުން އުއްމީދުކުރެއެވެ.