ތިމާވެށީގެ ގޮތުން ބަލާއިރު ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލައެވެ. ކުނީގެ މައްސަލަ ކުރިމަތިވެފައިވާ ހދ. ނޭކުރެންދޫއަށް މިއީ ހަމައެކަނި ތިމާވެށީގެ މައްސަލައެއްވެސް ނޫނެވެ. މިއީ އެރަށަށް ކުރިމަތިވެފައިވާ މާލީ ބޮޑު މައްސަލައެއްވެސްމެއެވެ.
ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށް ކޮންމެ ރަށެއްގެ ކައުންސިލުންވެސް ޚާއްސަ އިސްކަމެއް ދެއްވައެވެ. މިގޮތުން ރަށުގައި ހުންނަ އެކި މައްސަލަތައް ޙައްލުކުރުމަށް ކަމާއި ގުޅުންހުރި މުވައްސަސާތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ އެހީއާއެކު އެމަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން މިހާރުވަނީ ކައުންސިލްތަކަށް އެބާރުވެރިކަން ދެއްވާފައެވެ. އެހެންނަމަވެސް ބައެއް މައްސަލަތައް ޙައްލުކުރުމުގައި އަދިވެސް ކައުންސިލްތަކަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ބޭނުންވެއެވެ. އެފަދަ އެއް ރަށަކީ، ހދ. ނޭކުރެންދޫއެވެ. ނޭކުރެންދޫއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަކީ ކައުންސިލަށް އެކަނި ކުރެވޭނެކަމެއް ނޫންކަމަށް އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ ސިރާޖް ވިދާޅުވީ، ކައުންސިލްގެ ބަޖެޓުގެ ބޮޑުބައެއް ކޮންމެ އަހަރަކުވެސް ހޭދަވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށްކަމަށެވެ. އެހެންނަމަވެސް އަދިވެސް މިކަމަށް އެދެވޭ ޙައްލެއް ނާންނަކަން ސިރާޖް ފާހަގަކުރެއްވިއެވެ.
"ކައުންސިލުން އަހަރަކު ގާތްގަނޑަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރޭ ކުނި މެނޭޖްކުރަން. ކައުންސިލްގެ ބަޖެޓުގެ ބޮޑު އިންސައްތައެއް މިކަމަށް ހޭދަމިކުރަނީ. އެކަމަކުވެސް ރަނގަޅުގޮތުގައި މެނޭޖްއެއް ނުކުރެވޭ." ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ ކުނި ނެގުމުގެ ޚިދުމަތް ކޮންމެ ގެބިސީއަކުން 50 ރުފިޔާ ނަގައިގެން ކުރަމުންދާކަމަށެވެ. ކުނި ނެގުމަށް ޚާއްސަ ވެހިކަލްއެއްވެސް ނެކުރެންދޫއަށް ލިބިގެންދިޔައީ ދާދިފަހުންކަން ކައުންސިލުން ފާހަގަކުރައްވައެވެ.
އެހެންނަމަވެސް އަދި ކުނި ވަކިކޮށްގެން ގެންދާނެ ވަކި ޚާއްސަ މަރުކަޒެއް ނެތުމުން ގޭބިސީތަކުން ކުނި ނަގަނީ ކުނިވާޒާތު ނޫނީ އެހެން ހުރިހާ ކުންޏެއް އެކުގައިކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ކުނިވާޒާތުގެ ކުނި ރަށުގެ ދަނޑު ހައްދާ ސަރަޙައްދުގައި އެއް ފުޓޫ އަޑީގައި ކައުންސިލްގެ ފަރާތުން ވަޅުކަމުންދަނީ މުސްތަޤުބަލުގައި ކާދުގެ ގޮތުގައި ބޭނުންކުރުމުގެ ވިސްނުމުގައިކަން ކައުންސިލުން ފާހަގަކުރައްވައެވެ.
ސަރުކާރުން އޮފިޑު ފަންޑުގެ އެހީގައި ރަށްރަށުގައި ކުނި މެނޭޖްކުރާ ސެންޓަރުތައް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ނޭކުރެންދޫގައިވެސް ކުނި އަޅާނެ ސަރަޙައްދެއް ތަރައްޤީކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ލޭންޑް ޔޫސް ޕްލޭނާއެކު، އެހެނިހެން ގޮތްގޮތުން އެހީ ހޯދައިގެންވެސް ރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ މަރުކަޒެއް ޤާއިމުކުރުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.